މިދިޔަ މާޗު މަހު ރާއްޖެއަށް 7 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް "މުތާ ޑައިމަންޑް" ބޯޓުން ހައްޔަރުކުރި ބައެއް ބިދޭސީން ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާޗު 21 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން މި ބޯޓު ބަލައި ފާސްކުރުމުން، 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ އޮޕަރޭޝަންގައި އިންޑިއާއާއި އިންޑޮނީޝިއާގެ 10 ފަޅުވެރިން ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކުރިން ދޫކޮށްލާފައިވާއިރު، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް، ހައިކޯޓުން އެ މައްސަލަ ބަލައިގަތްފައެއް ނުވެއެވެ. މި ހަފްތާގައި އިތުރު ބައެއް ފަޅުވެރިން ދޫކޮށްލާފައިވާއިރު، ބައެއް މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފައިވެއެވެ.
ތަހުގީގު އިދާރާތަކުން ބުނެފައިވާ ގޮތުގައި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ބޮޑު ކުށެކެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ތުހުމަތުގައި ހައްޔަރުކުރެވުނު މި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދިނުމަކީވެސް ދައުލަތުގެ ޒިންމާއެކެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި "މުތާ ޑައިމަންޑް" ބޯޓު މިހާރު ދޫކޮށްލާފައިވާއިރު، އެހެން ފަޅުވެރިންތަކަކާއެކު ބޯޓު ފުރައިގެން ގޮސްފައިވެއެވެ. ނަމަވެސް ބޯޓުގެ ސީސީޓީވީ ފުޓޭޖުތައް ތަހުގީގަށް ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ