މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއާއި އެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓު ފޯރުކޮށްދޭ ޓްރާންސްފޯމަރެއްގެ ހުރިހާ ކޭބަލްތައް ނޭނގޭ ބަޔަކު ބުރިކޮށްލުމުގެ ސަބަބުން އެ ސަރަހައްދަށް ކަރަންޓު ކެނޑިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީން މިރޭ ކުއްލިއަކަށް ބާއްވާ އެއްވުމެއް ހަރުގެއިން ފެށުމަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު "މިހާރު" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓު ކޭބަލްތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އެމްޑީޕީ ހަރުގެއާއި އެ ސަރަހައްދުގެ ގެތަކަށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ޓީމުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ގުޅުމަށެވެ. އިރާދަކުރެއްވިއްޔާ ލަސްނުވެ ހަރުގެއަށް ކަރަންޓު ފޯރުކޮށްދެވޭނެ،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ކަރަންޓު ފޮށްޓަށް ގެއްލުން ދިން މީހުން ހޯދުމަށް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ވެސް ސްޓެލްކޯގެ ޓްރާންސްފޯމަރުތަކާއި ކަރަންޓު ފޮށިތަކުގެ ނަރުތައް ބުރިކޮށްގެން ވަގަށް ގެންދިއުމުގެ އެތައް މައްސަލައެއް ހިނގާފައިވެއެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެއް ހުރި ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ އާންމުންނަށް ނަސޭހަތްތެރިވެފައެވެ.
ކުރިން ވެސް މިފަދަ ޢަމަލެއް ހިންގުމުގައި ޓްރާންސްފޯމަރެއްގައި ކަރަންޓު ޖެހިގެން މީހަކު މަރުވެފައިވާތީ، މިކަހަލަ ނުރައްކާތެރި ކަންކަން ނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ