ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތް ﷲ މިމަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދެއްވުން ހިމެނޭކަމަށެވެ.
މި ދީން ފުރިހަމަ ވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ ޢަމަލުތަކަށް ފުރިހަމަ ސަވާބު ލިބެއެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވެއެވެ. އެމީހުންގެ ސުލޫކާއި އަޚްލާގު ރިވެތި ސުލޫކު ކަމުގައި ވެއެވެ. އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ މިދީން ފޯރުކޮށް ދެއްވާފައި ލޮބިވެތި ރަސޫލާ މިދުނިޔެ ދޫކުރެއްވީ އެންމެހާ މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެބައިމީހުން ނެރުއްވާފައި ކަމުގައެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާއި، މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކުކަމުގައި މުސްލިމުން ވާން ޖެހޭނެ ކަމުގައެވެ. އަދި މިފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ސާލިހު އަމަލުތައް ގިނަކޮށް މާތްﷲގެ ހަޒްރަތުގައި މަތީ ދަރަޖަ ލިބޭތޯ ވާދަކުރުމަށް ޚުޠުބާގައި ގޮވާލައްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ