އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން އެމެރިކާ ސަރުކާރުން ހުއްޓުވައިފި

އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން އެމެރިކާ ސަރުކާރުން ހުއްޓުވައިފި

Author
ހުސައިން
23 މެއި 2025 08:44
0

އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވަރސިޓީއަށް ހާވަޑް ޔުނިވަރސިޓީއަށް ބޭރު ޤައުމުތަކުގެ ދަރިވަރުން ވެއްދުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުއްޓުވައިފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން މިކަން އިއުލާނުކުރީ އިއްޔެއެވެ.

ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯއެމް ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފިޔަވަޅު އެޅެނީ ހާވަޑް ޔުނިވަރސިޓީގެ ކެމްޕަހުގައި ހިނގާ އަނިޔާވެރި ޢަމަލުތަކާއި، ޔަހޫދީންނާ ދެކޮޅު ހިންގާ ކަންތައްތަކާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ނޯއެމް ވިދާޅުވީ ބޭރުގެ ދަރިވަރުން ބަލައިގަތުމާއި އެމީހުންގެ ފަރާތުން ލިބޭ މަތީ ފީތަކުން ޔުނިވަރސިޓީތަކުގެ ބިލިއަން ޑޮލަރުގެ އެންޑޯމަންޓްތައް ބޮޑުކުރުމަކީ ޙައްޤެއް ނޫން ކަމަށާއި، އެއީ އިމްތިޔާޒެއް ކަމަށެވެ. އަދި ހާވަޑަށް ރަނގަޅު ގޮތް ހެދުމަށް ވަރަށް ގިނަ ފުރުސަތު ދިން ނަމަވެސް އެކަން ކުރަން އިންކާރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ނޯއެމް ބަޔާންކުރީ ހާވަޑްގެ ސްޓޫޑަންޓް އެކްސްޗޭންޖް ވިޒިޓަރ ޕްރޮގްރާމްގެ ސެޓިފިކޭޝަން ބާޠިލްކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ހިންގަނީ ޔޫއެސް ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ޔުނިޓުންނެވެ.

މި ފިޔަވަޅުގެ ސަބަބުން ހާވަޑަށް އައު ބޭރު ދަރިވަރުން ނުވެއްދޭނެއެވެ. މިހާރު ކިޔަވަމުންދާ ބޭރުގެ ދަރިވަރުން އެހެން ޔުނިވަރސިޓީއަކަށް ބަދަލުވާންޖެހޭނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ހާވަޑް ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ބުނީ މި ފިޔަވަޅަކީ ޤާނޫނާ ޚިލާފު، ބަދަލުހިފުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. 140 އަށްވުރެ ގިނަ ޤައުމުތަކުން އަންނަ ދަރިވަރުންނާއި އެޑިޔުކޭޓަރުން ބަލައިގަތުމުގެ ޤާބިލުކަން ހާވަޑަށް ލިބިދިނުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ. މި ބޭރު ދަރިވަރުންނާއި މުދައްރިސުން ޔުނިވަރސިޓީއަށާއި މުޅި ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދޭ ކަމަށް ޔުނިވަރސިޓީން ފާހަގަކުރިއެވެ.

މި ފިޔަވަޅަކީ ޔުނިވަރސިޓީއާއި ޓްރަމްޕް ސަރުކާރާ ދެމެދުގައިވާ ޚިޔާލު ތަފާތުވުން އިތުރަށް ބޮޑުވެގެން ދިޔުމުގެ އަލާމާތެކެވެ. ހާވަޑުން އެތަނުގެ ޑައިވަރސިޓީ ޕްރޮގްރާމްތަކާއި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކާ ގުޅޭ ގޮތުން ހުށަހެޅި ޝަރުތުތައް ޤަބޫލުކުރަން އިންކާރުކޮށްފައިވެއެވެ.

ޓްރަމްޕް ސަރުކާރުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ހާވަޑަށް ދޭ ފެޑެރަލް ފަންޑިންގ އަދި ގްރާންޓްތައް ކަނޑާލާފައި ވެއެވެ. މީގެ ޖުމްލަ އަދަދު 2.6 ބިލިއަން ޑޮލަރަށް އަރައެވެ. އެންމެ ފަހުން މިފަދަ ފިޔަވަޅެއް އެޅީ ހޯމަ ދުވަހުއެވެ. ހާވަޑުން މިހާރު ޓްރަމްޕް ސަރުކާރުގެ މި ފިޔަވަޅުތަކަކީ އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފު ކަންކަން ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މި ހަފްތާގެ ކުރީކޮޅު ހާވަޑްގެ ރައީސް އެލަން ގާބަރ، ކުރީގެ ދަރިވަރުންނަށް ގޮވާލައްވައި، ޔުނިވަރސިޓީއަށް އެހީތެރިވެ ހަދިޔާ ދިނުމަށް އެދިވަޑައިގަތެވެ. އީމެއިލްއެއްގައި ގާބަރ ލިޔުއްވީ "އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ މި މުއައްސަސާ މިހާރު ކުރިމަތިލާންޖެހިފައި މިވަނީ އަޅުގަނޑުމެންގެ ދިގު ތާރީޚުގައި ކުރިމަތިވެފައިނުވާ ފަދަ ގޮންޖެހުންތަކަކާ" ކަމަށެވެ.

އޭނާ މި އީމެއިލްގައި ޕްރެޒިޑެންޝަލް ޕްރައޮރިޓީސް ފަންޑާއި ޕްރެޒިޑެންޝަލް ފަންޑް ފޮރ ރިސާރޗް ތަޢާރަފުކުރެއްވިއެވެ. މި ދެ ފަންޑަކީ ފަންޑިންގ ކެނޑުމުން ދިމާވާ ދަތިތައް ހައްލުކުރުމަށް އުފައްދި ފަންޑުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.