ރާއްޖޭގައި ކޮވިޑް-19 ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުމަށް މިއަދު ގޮވާލައިފިއެވެ.
އެޗްޕީއޭ އިން ހާމަކުރި މައުލޫމާތުގައި، ވޭތުވެދިޔަ ހަފުތާގައި ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު ކުރީ ހަފުތާތަކާ އަޅާބަލާއިރު މާ ގިނަވެފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، މި މޫސުމުގައި އާންމުކޮށް ފެތުރޭ ވައިރަލް ބަލިތަކާއި، ޑެންގޫ ފަދަ ބަލިތަކުގެ ކޭސްތަކާއި، އިންފްލޫއެންޒާ ބަލި ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވުން
ދެކުނު އޭޝިއާގެ އެކި ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ކަމަށް ފެންނަމުންދެއެވެ. ޚާއްސަކޮށް ތައިލޭންޑުގައި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ފާއިތުވި ހަފުތާގައި އެކަނި 50،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުން އަންދާޒާކުރާ ގޮތުގައި، މި އައުޓްބްރޭކް މަދުވެގެން ކުރިއަށް އޮތް 2-3 މަސް ދުވަހު ދެމިގެންދާނެއެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައިވެސް ކޮވިޑް ކޭސްތައް ރިޕޯޓުކުރުން އިތުރުވަމުންދާކަން ރިޕޯޓުތަކުން ދައްކައެވެ. މި ހާލަތުގައި ރާއްޖޭގެ ރައްޔިތުން ޚާއްސަކޮށް ބޭރަށް ދަތުރުކުރާ މީހުން ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ