މާލެ، މެއި 22 – ހއ. ދިއްދޫގައި ހިނގަމުން ދާ ބަނދަރާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ 91 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ނިމުނު މަސައްކަތުގެ ތެރޭގައި 78،000 ކިއުބިކް މީޓަރު މިންވަރުގެ ބަނދަރު ފުންކުރުމާއި، 49 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށި ލުން ހިމެނެއެވެ.
އަދި އެއްފަހަރާ ނިމުނު މަސައްކަތުގެ ތެރޭގައި 768 މީޓަރުގެ ސަރަހައްދަކަށް ރިވެޓްމަންޓް ހަދައިދިނުމާއި، 898 މީޓަރު އެއްގަމު ތޮށި ހަދާފައި ވާއިރު، 9270 ސްކުއަރ މީޓަރު ސަރަހައްދެއްގައި ޕޭމަންޓް ވަނީ ހަދާފައެވެ.
އެމްޓީސީސީން ބުނެފައިވަނީ މިހާރު ބާކީ ހުރީ ބަނދަރުގެ ބައްތި ރަނގަޅު ކުރުމާއި މޫދުގެ ބޮއި ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ދިއްދޫ ރަށުގެ ރައްޔިތުންނަށާއި ރަށްތަކުގެ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ބަނދަރު ޚިދުމަތް ލިބިގެން ދާނެ އެވެ.
ކޮމެންޓު ފޮނުވާ