ރާއްޖެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ލިވަޕޫލް ފުޓްބޯޅަ ކްލަބުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ އިސްވެރިންގެ ޑެލިގޭޝަނެއް މިއަދު ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށް ޚާއްޞަ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރު ގައުމީ ދާރުލްއާސާރަށް ވަޑައިގެންނެވި ލިވަޕޫލްގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެ ކްލަބުގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި ޑިރެކްޓަރު އެލެކްސް ފްރޭސަރެވެ. މި ބޭފުޅުންނާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިޢުރީ އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދާރުލްއާސާރަށް ކުރެއްވި މި ޒިޔާރަތުގައި ވަފުދުން ވަނީ ދިވެހިރާއްޖޭގެ ތާރީޚީ އަދި ސަގާފީ ތަރިކަތައް ގާތުން ބައްލަވާލައްވާ، ދާރުލްއާސާރުގައި ރައްކައުތެރިކުރެވިފައިވާ ޚާއްޞަ އަގުހުރި ތަކެއްޗާ މެދު މަޢުލޫމާތު ހޯއްދަވާފައެވެ. ދާރުލްއާސާރުގެ ފަންނީ ޓީމުން ވަނީ މި ޚާއްޞަ މެހުމާނުންނަށް ތަފުސީލީ މަޢުލޫމާތު ފޯރުކޮށްދެއްވައި، ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާ ހަޒާރަތް ގާތުން ދައްކަވާލައްވާފައެވެ.
ދިވެހިރާއްޖެއާއި ލިވަޕޫލް ފުޓްބޯޅަ ކްލަބާ ދެމެދު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން އިތުރުކުރުމަށް ޚާއްޞަ އެއްބަސްވުމެއް ވެވިފައެވެ. ލިވަޕޫލަކީ އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރެއިން ކްލަބެކެވެ. އިނގިރޭސި ޕްރިމިއަރ ލީގު ޗެމްޕިއަންޝިޕް 20 ފަހަރު ކާމިޔާބުކޮށްފައިވާ މި ކްލަބަކީ ޔޫއެފާ ޗެމްޕިއަންސް ލީގު 6 ފަހަރު ހޯދާފައިވާ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކްލަބެވެ.
މިފަދަ މަޝްހޫރު ކުޅިވަރު ބްރޭންޑަކާއެކު ކުރެވޭ މަސައްކަތްތަކުން، ދިވެހިރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމާއި، ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިތުރަށް ދުނިޔޭގެ މަޝްރަހަށް ނެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ