ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން: ޑރ.ޖަމީލް

ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 01:59
0

ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން ކަމުގައި ކުރީގެ ނައިބް ރައީސް، ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީގެ އިސްބޭފުޅުން ފައިރޫޝްއަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވި ފުލުހުންގެ އާ ޤާނޫނުގެ މަޤްސަދަކީ ބަދަލު ހިފުމަށްޓަކަށް އެކުލަވާލި ޤާނޫނެއް ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އައީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަސްކޮށްދީ، ޒުވާނުންނަށް ވަޒީގެ ބިރުވެރިކަން ނައްތާލުމަށް ކަމަށާއި، ނަމަވެސް މިއަދު ފެނިގެން މިދަނީ ވަޒީފާގެ ބިރު ދައްކައި، ހުނަރުވެރި ޤާބިލް ހަރުދަނާ ޒުވާނުންގެ އިއްޒަތާއި އަބުރު ކަތިލައި އެކަމުގެ އުފާ ފާޅުކުރަމުންދާ މަންޒަރު ކަމަށެވެ. މިއަދު އެމްޑީޕީގެ ޝިކާރައަކަށް ޑރ.ފައިރޫޝް ވެފައިވާއިރު، މާދަމާ އޮތީ ކޮން ޒުވާނެއްކަމެއް ނޭގޭކަމަށް ޖަމީލް ވިދާޅުވިއެވެ.

ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން. ޤަޢުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު ޢަމަލްތަކެއް. އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުޞްތަޤްބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއް. ވަޢުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމަޢު ކޮބާ؟ މިއަދު ޑރ. ފައިރޫޝް ،މާދަމާ ޝިކާރައަކަށް ވާނީ ކާަކުބާ؟ ދިވެހި ޤަޢުމަށް، ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ފައިރޫޝް އިއްޔެ ރިޓަޔާ ކުރެއްވުމާއި ގުޅިގެން، އޭނާގެ ޚިދުމަތަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަގުވަޒަންކޮށް ޝުކުރު އަދާކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތުން ޑރ. ފައިރޫޒް ރިޓަޔަރކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގައެވެ. މިއީ ފުލުހުންގެ ފައިނޭންސާއި އިންސާނީ ވަސީލަތްތަކާއި އިންޖިނިއަރިން އަދި މެކޭނިކަލް ސާވިސް ހިމެނޭ ޑިޕާޓްމެންޓެވެ.

ފައިރޫޝްގެ ޚިދުމަތުގެ އަގުވަޒަންކޮށް ސީޕީ ހަމީދު ޝުކުރު އަދާކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންދަނީ ސީޕީ ހަމީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ފައިރޫޝްއަކީ ބަޣާވާތުގެ ބައިވެރިއެއް ކަމަށްބުނެ އޭނާގެ މައްލަ ބަންޖެހޭ ފަދަ އިބާރާތަކުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ދަނީ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.