"ޒުވާން ޚަޠީބުން" ޕްރޮގްރާމް: ތިންވަނަ ބުރުގެ އިންޓަވިއުތައް މާލޭގައި ފެށިއްޖެ

"ޒުވާން ޚަޠީބުން" ޕްރޮގްރާމް: ތިންވަނަ ބުރުގެ އިންޓަވިއުތައް މާލޭގައި ފެށިއްޖެ

Author
ހުސައިން
21 މެއި 2025 02:35
0

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ހިންގާ "ޒުވާން ޚަޠީބުން" ޕްރޮގްރާމުގެ ތިންވަނަ ބުރަށް ކުރިމަތިލި ފަރާތްތަކުގެ އިންޓަވިއުތައް އިއްޔެ މާލޭގައި ފަށައިފިއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމަށް 338 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 269 ފަރާތެއްގެ ޝަރުޠު ހަމަވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީގެ ވަގުތީ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި، އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން، ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންކަން ވަނީ ފާހަގަކޮށްފައެވެ.

"ޒުވާން ޚަޠީބުން" ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12ގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ޚުޠުބާ ތައްޔާރުކޮށް ކިޔުމާއި، އިމާމުވެ ނަމާދުކުރުމާއި، ދީނާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް މި ޕްރޮގްރާމުގެ ސަބަބުން ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.