ފުރަތަމަ ފަހަރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑްބޮޑީ ބޯޓެއް ޖައްސައިފި

ފުރަތަމަ ފަހަރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑްބޮޑީ ބޯޓެއް ޖައްސައިފި

Author
ހުސައިން
20 މެއި 2025 11:16
0

މިއަދު ނ. އަތޮޅުގައި ތަރައްޤީކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް (އެމްއައިއޭ) ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް ޖައްސައިފިއެވެ.

މާފަރު އެއާޕޯޓަށް މިއަދު ޖައްސާފައިވަނީ އެމިރޭޓްސްގެ ބޮއިން 777 މަރުކާގެ ބޯޓެކެވެ. މި ބިޔަ ބޯޓު މާފަރަށް ޖެއްސުމުގެ މަޤްޞަދަކީ ބޮޑެތި މަތިންދާބޯޓުތަކަށް އެއާޕޯޓް ފައްކާކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ފުރިހަމަކުރަންޖެހޭ ސެޓްފިކޭޝަން ޕްރޮސެސްތައް ހެދުމެވެ.

މި ސެޓްފިކޭޝަންގައި އަމާޒުކުރަނީ މައިގަނޑު ތިން ކަމަކަށެވެ. އެއީ ބޮޑެތި މަތިންދާބޯޓުތަށް ރައްކާތެރިކަމާއެކު ޖައްސައި ފުރޭނެކަން ޔަޤީންކުރުމާއި، ތެޔޮ އަދި ފަސިންޖަރުންގެ ޚިދުމަތްތަކާއި ކާގޯ އޮޕަރޭޝަންތަކަށް ގްރައުންޑް ހޭންޑްލިންގ އެސެސްމަންޓްތައް ހެދުމާއި، އޭވިއޭޝަންގެ މިންގަނޑުތަކަށް ފެތޭގޮތަށް ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހުރިކަން ކަށަވަރުކުރުމެވެ.

ނޫނު އަތޮޅުގައި ޤާއިމްކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑްކޮށް ވައިޑްބޮޑީ މަތިންދާބޯޓުތަކަށް ޖާގަދިނުމާއި އޮޕަރޭޝަނަލް އެފިޝަންސީ ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއިންނެވެ. މި އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ދިގުކޮށް، ބޮއިން 777 އަދި އެއާބަސް އޭ330 ފަދަ ބޮޑެތި މަތިންދާބޯޓުތައް އެއާޕޯޓަށް ގެންގުޅެވޭނެ ގޮތަށް ތަރައްޤީކުރެވިފައިވެއެވެ. މީގެއިތުރުން އޭޕްރަން ކެޕޭސިޓީ އިތުރުކޮށް، ޕާކިންގ ޖާގަ 13 ޖެޓުން 26 ޖެޓަށް ފުޅާކުރެވިފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، މާފަރު އެއާޕޯޓް ތަރައްޤީކުރެވިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބޫދާބީ ފަންޑުން ލިބުނު 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ސިންގަޕޫރުގެ ޓަފް ކުންފުނިންކަމެވެ. އެއާޕޯޓް ފުރަތަމަ ފަހަރު ތަރައްޤީކޮށްފައިވަނީ އެއާބަސް އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުފަހަރު ޖެއްސޭ ފެންވަރަށް 2,200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާއެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.