މުލަކު އަތޮޅުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެޅި އެއާޕޯޓް ކަމަށްވާ މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއްޖެއެވެ. އިމާރާތްކުރުމާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުޠަލިބު ހާމަކުރެއްވިގޮތުގައި މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މި އެއާޕޯޓަކީ ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ވުޖޫދަށް ގެނެވިފައިވާ ތަރައްޤީގެ މަޝްރޫޢެއް ކަމަށެވެ. އަދި ޚާއްޞަކޮށް މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަންދެއްވި އެއް މަޝްރޫޢު ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
"މި އެއާޕޯޓްގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވިފައިވަނީ އެމްޓީސީސީގެ ވަރަށް ބުރަ މަސައްކަތުން. އެކަމަށްޓަކައި ކުންފުންޏަށް ޝުކުރު ދަންނަވަން" ވަޒީރު ވިދާޅުވިއެވެ.
މި އެއާޕޯޓް އެޅުމުގެ މަޝްރޫޢު ފެށުނީ 2014 ވަނަ އަހަރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ބިން ހިއްކުމުގެ މަސައްކަތާއެކުއެވެ. މުލީގައި 14 ހެކްޓަރުގެ ބިން ހިއްކައި 1,812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިފައިވެއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވިގޮތުގައި، މި މަޝްރޫޢުއަށް ޚަރަދުކުރެވުނު 540 މިލިއަން ރުފިޔާއަކީ މުލަކު އަތޮޅުގެ އާބާދީގެ ނިސްބަތުން ބަލާއިރު ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާއެވެ. މިފަދަ ބޮޑު އިންވެސްޓްމަންޓެއް ސަރުކާރުން ގެނެސްދެއްވާފައިވާތީ، މުޅި އަތޮޅަށް ތަރައްޤީ ގެނައުމަށް ރައްޔިތުން މަސައްކަތްކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅުގެ ތަރައްޤީއަށް ޓޫރިޒަމްގެ އިންވެސްޓްމަންޓްތައް ގެނައުމަށާއި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. އަދި "އާބާދީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިޔުމަށާއި، އޭގެ ބަދަލުގައި އަތޮޅުގެ ކުދި ރަށްތަކުގައި ތިބި ރައްޔިތުން ބޮޑެތި ރަށްތަކަށް އެއްވެ، އާބާދީ ތަރައްޤީ އެއްފަސްކުރުމަށް މަސައްކަތްކުރުމަށް" ވަޒީރު އެދިވަޑައިގެންނެވިއެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްޞަކުރެވިފައިވާ މުލީ އެއާޕޯޓަކީ 1,200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި އޭޕްރަން ޤާއިމުކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓް ހިންގުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއެވެ. މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ.
ކޮމެންޓު ފޮނުވާ