ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ވަރަށް އަވަސް ދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވިދާޅުވެފައިވަނީ މިވަގުތު ބިން ހިއްކުމުގެ މަސައްކަތުގެ 95% ނިމިފައިވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް ބާކީ އޮތް މަސައްކަތްވެސް މިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.
"ރަށުގެ ރައްޔިތުންގެ އެދިލެއްވުމާ އެއްގޮތަށް މިމަޝްރޫޢު އަވަސް ދުވެލީގައި ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު. މިމަސައްކަތުގައި ޖުމްލަ 10.15 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ. އަޅުގަނޑުމެން މިމަސައްކަތް ފަށާފައިވަނީ އޭޕްރީލް 7 ވަނަ ދުވަހުގެ ރޭ. ބާކީ ހުރި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތެރޭގައި ނިމޭނެކަމަށް އަޅުގަނޑުމެން ލަފާކުރަން،" އަހުމަދު ސައުދީ މިމަހުގެ 13 ވަނަ ދުވަހު ވިދާޅުވިއެވެ.
އެމްޓީސީސީއިން އިތުރަށް ފާހަގަކުރިގޮތުގައި، މިމަޝްރޫޢަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ނިންމުމަށް ރޭވިފައިވާ މަޝްރޫޢެއްނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދާ ހަލުވިމިނުގައި ދަންޏާ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.
"ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 2026 ގެ ސެޕްޓެމްބަރުމަހު، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ހަލުވިމިނުގައި ދެމެހެއްޓިއްޖެނަމަ، މިއަހަރުގެ ސެޕްޓެމްބަރުމަހު މުޅި މަޝްރޫޢު ނިންމާ ހަވާލުކުރެވޭނެ،" ސައުދީ ވިދާޅުވިއެވެ.
މި 83 މިލިއަން ރުފިޔާގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީމަހު ގުޅިއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ކުރިޔަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފެށިފައިވަނީ މިއަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުއެވެ.
އެމްޓީސީސީއިން އެކްސްގައި ޙިއްޞާކުރި ވީޑިއޯއެއްގައި ގުޅީގެ ރައްޔިތުން ފާހަގަކުރާގޮތުގައި މިމަޝްރޫޢުގެ ސަބަބުން ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެއެވެ. މިވަގުތު ރަށުގައި ގާތްގަނޑަކަށް 150 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން ބިން ބޭނުންވެފައި ތިއްބާ، މިމަޝްރޫޢުގެ ސަބަބުން އެފަރާތްތަކަށް ބިން ލިބިގެންދާނެކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް އަވަސް ދުވެލީގައި ފުއްދަވަމުން ގެންދަވާތީ، ރައްޔިތުން ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި އެހާ އަވަސް ސްޕީޑެއްގައި ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންގޮސް، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ