ރ. އިފުރު އެއަރޕޯޓުން ފުރާ ފަތުރުވެރިންގެ އަތުން އަތުލައިގަނެފައިވާ 153 ބަނގުރާ ފުޅިއާއި 37 ދަޅު ބަނގުރާ ދިވެހި ފުލުހުންގެ ޚިދުމަތުން ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ތަކެތި ނައްތާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. މިއީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތިކަން ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، ބަނގުރާ ހިފެހެއްޓިފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 އިން ފެށިގެން މިހާތަނަށް އިފުރު އެއަރޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުންނެވެ. މި ތަކެތި ނަގާފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކަމަށާއި، އޭގެފަހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޚާއްޞަކޮށް އެކުލަވާލެވުނު ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ