ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

Author
ހުސައިން
19 މެއި 2025 12:14
0

ފަލަސްތީންގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިއްޔެ ގޮވާލައްވައިފިއެވެ.

ހަމާސް ޖަމާޢަތް ނައްތާލުމުގެ ގޮތުން ޣައްޒާގެ ސަރަޙައްދަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތައް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ދުވަހެއް ދުވަހަކަށް ޣައްޒާގެ ހާލަތު ދަށަށް ދާކަމަށް ފާހަގަކުރެވޭއިރު، އިޖުތިމާޢީ ވިއުގަ "އެކްސް" ގައި ރައީސް މުއިއްޒު ޕޯސްޓް ކުރައްވައި ވިދާޅުވެފައިވަނީ، ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމުގައެވެ.

"ބައިނަލްއަޤްވާމީ މުޖުތަމަޢުން އިސްރާއީލުގެ މި އަނިޔާވެރިކަން ހުއްޓުވައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވޭ" ރައީސް މުއިއްޒު އެ ޕޯސްޓްގައި ވިދާޅުވިއެވެ.

އޭގެއިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޣައްޒާގެ މަދަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމަށާއި، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަށް އެ ޤައުމު ޒިންމާދާރުކުރުވަންޖެހޭނެ ކަމަށްވެސް ރައީސް އިޝާރާތްކުރެއްވިއެވެ.

ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އެކި ފޯރަމްތަކުގައި ކުށްވެރިކޮށް، ބަޔާން ނެރެފައެވެ. އަދި އިތުރު ފިޔަވަޅެއްގެ ގޮތުން، އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.