ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން (ބީޑަބްލިއުއެފް) ދިވެހިރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފިއެވެ. މިކަން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަށް ރަސްމީކޮށް އަންގާފައެވެ. އެމްއޯސީއިން މިހާރު ވަނީ މިމައުލޫމާތު މީޑިއާތަކާވެސް ހިއްސާކޮށްފައެވެ.
ބީޑަބްލިއުއެފްއިން ދިވެހި ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފައިވަނީ އެ އެސޯސިއޭޝަންގެ މައްޗަށް "ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާކަމަށް" ބުނެއެވެ.
މިކަން މިހެން ދިމާވެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވެ، އެއް އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އައު ހިންގާ ކޮމެޓީއެއް އިންތިޚާބުކުރެވިފައި ނުވާތީއެވެ. އަދި އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް އަދިވެސް ގެނެވިފައިނުވެއެވެ.
މިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ފަހުން ވަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް ހޮކް ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީ އެކުލަވާލާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންއަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ނެގުމަށްފަހުގައެވެ.
މީގެ ކުރިން ބީޑަބްލިއުއެފްއިން އިރުޝާދު ދީފައިވަނީ ތިން މެންބަރުންގެ ކޮމެޓީއެއް ނަގައި، އޭގައި ބެޑްމިންޓަން ކޮމިއުނިޓީގެ މެންބަރެއްގެ އިތުރުން ޤާނޫނީ ދާއިރާގެ ބޭފުޅަކު ހިމެނުމަށެވެ. ނަމަވެސް މިކަން ދިގުލައިގެން ދިޔުމާ ގުޅިގެން، އެމްއޯސީ އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޝްވަރާއާއެކު މިހާރު ވަނީ އެޑް ހޮކް ކޮމެޓީއެއް އުފައްދާފައެވެ.
މިކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އައު ހިންގާ ކޮމެޓީއެއް އިންތިޚާބުކުރުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
ކޮމެންޓު ފޮނުވާ