ރާއްޖޭގައި ވާލާއި ކާޅުގެ އަދަދު އިތުރުވެ، ދަނޑުވެރިކަމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ އާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި އުޅޭ ވާލާއި ކާޅު ގުނައި، އަދަދުކޮށް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މިދިޔަ ހަފްތާގައި ބޭއްވުނު "އަހާ" ފޯރަމްއިން ފެށިގެން މި މައްސަލަ ވަނީ ބޮޑަށް ސަމާލުކަން ލިބިފައެވެ. މި ފޯރަމްގައި މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ ވާލާއި ކާޅާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށާއި، އެތަކެތި މަރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީއާއެކު އީޕީއޭއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ދަނޑުވެރިންނަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެ، އެހެން ގޮތެއް ނެތް ހާލަތްތަކުގައި އެ ދިރޭތަކެތި މެރުމަށް އީޕީއޭއިން ޚިޔާލު ދީފައިވެއެވެ.
"މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑަށް ބާރުއަޅަނީ ވާލާއި ކާޅު ބެލެހެއްޓުމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް," މިހެން ވިދާޅުވީ މިނިސްޓްރީގެ އިސް ވެރިއެކެވެ. "އަޅުގަނޑުމެން ބޭނުމެއް ނޫން މި ދިރޭތަކެތި މަރަން. ނަމަވެސް ދަނޑުވެރިންނަށް ލިބޭ ގެއްލުން ބޮޑުވަމުންދާތީ، އެކަމަށް ހައްލެއް ހޯދަންޖެހޭ."
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް އާއްމުގޮތެއްގައި އެމްއެންޑީއެފުން ކުރިއަށްގެންދަނީ ވާލާއި ކާޅުގެ އުނދަގޫ ބޮޑުވެގެން އެ ތަކެތި މަރައި ނައްތާލުމުގެ މަސައްކަތެވެ. ނަމަވެސް މިފަހަރު ސަރުކާރުން ވިސްނަނީ އެތަކެތީގެ އަދަދު ބަލަހައްޓައި، އެކަށީގެންވާ ހައްލެއް ހޯދުމަށެވެ.
ސަރުކާރުގެ ދެ އިދާރާއިން މިހާރު މަސައްކަތްކުރަމުންދަނީ ވާލާއި ކާޅު ބެލެހެއްޓުމުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށެވެ. މި ޕްލޭންގެ ތެރެއިން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ދަނޑުވެރިންނަށްވެސް ބޭނުންތެރި ހައްލެއް ހޯދުމަށް މަސައްކަތްކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ