އެސްޓީއޯގެ އަހަރީ ޖަލްސާ: ހިއްސާގެ އަގު ދަށް ނުކޮށް ދަމަހައްޓައިފި

އެސްޓީއޯގެ އަހަރީ ޖަލްސާ: ހިއްސާގެ އަގު ދަށް ނުކޮށް ދަމަހައްޓައިފި

Author
ހުސައިން
18 މެއި 2025 09:56
0

ބާސެލޯނާ ނަސަންދުރަ ހޮޓަލުގައި އިއްޔެ ބޭއްވުނު އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާއަކީ، މިފަހަކަށް އައިސް އެންމެ ގިނަ ހިއްސާދާރުން ބައިވެރިވެފައިވާ ޖަލްސާއެވެ. މި ޖަލްސާގައި ހިއްސާދާރުންނަށް ކުންފުންޏާ މެދު ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު ލިބުނެވެ.

"ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ 7% އަށް ދަށްވި ނަމަވެސް، ކުންފުނީގެ މުސްތަޤުބަލާ މެދު ހިއްސާދާރުން ތިބީ ބޮޑު އުންމީދެއްގައެވެ," ކަމަށް ގިނަ ހިއްސާދާރުން ފާހަގަކުރިއެވެ.

"މިހާރު އެސްޓީއޯއަކީ ބެންޗްމާކެއް. އެހެން ކުންފުނިތަކުން ޖެހޭނީ އެސްޓީއޯ ފޮލޯކުރަން. މި އިވެންޓަށް ބަލައިލިޔަސް އެސްޓީއޯ ކުރީގައި އޮތް މިންވަރު އެނގޭ," މިހެން ވިދާޅުވީ އާންމުކޮށް ޖަލްސާތަކުގައި ބައިވެރިވާ ހިއްސާދާރެއް ކަމުގައިވާ ސޯލިހެވެ.

  • ހިއްސާގެ ފައިދާ ދަށްނުކުރުން
  • ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރިއެރުން
  • ވަރުގަދަ ވޯކިންގ ކެޕިޓަލް

ތެލުން ލިބުނު އާމްދަނީ 12.9 ބިލިއަނުން 12.1 ބިލިއަން ރުފިޔާއަށް ދަށްވިނަމަވެސް، ހިއްސާދާރުންނަށް މިދިޔަ އަހަރުވެސް ހިއްސާއަކަށް 80 ރުފިޔާގެ ފައިދާ ބަހާފައިވެއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް ވިދާޅުވީ:

"މިދިޔަ އަހަރު ނިންމާލީ 1.4 ބިލިއަން ރުފިޔާގެ ވޯކިންގ ކެޕިޓަލްއާއެކު. އަމާޒަކީ އެއް ބިލިއަނަށްވުރެ މަތީގައި ބެހެއްޓުން. ހިއްސާދާރުންގެ އިންވެސްޓްމަންޓަށް ލިބުނު ރިޓާން 14% ގައި ހުރި. އަމާޒަކީ 15% ގައި ބެހެއްޓުން. އެއަށް އަވަހަށް ވާސިލުވާނެ."

ޝިމާދު އިތުރަށް ވިދާޅުވިގޮތުގައި، ކުންފުނީގެ ހިއްސާގެ އަގު 2015 އިން 2021 އާ ހަމައަށް 400 އާއި 600 ރުފިޔާގައި ހުރި ނަމަވެސް، 2021 ގެ މެދުތެރެއިން ފެށިގެން 1200 ރުފިޔާއަށް އަރައި، މިހާރު 1900 ރުފިޔާއަށް އަރާފައިވެއެވެ.

ޖަލްސާ ނުނިމެނީސް ފައިދާ ޖަމާކުރުން

ޖަލްސާގައި ފާހަގަކުރެވުނު އެންމެ ޚާއްޞަ ކަމަކީ ޖަލްސާ ނުނިމެނީސް ހިއްސާދާރުންގެ އެކައުންޓުތަކަށް ފައިދާ ޖަމާކުރުމެވެ.

"އަޅުގަނޑުމެން ހަނދާންވޭ ފައިދާ ނުލިބިގެން އެސްޓީއޯއަށް ގުޅަންޖެހުނު ދުވަސްވަރު. އެކަމަކު މިއަދު ޖަލްސާ ނުނިމެނީސް ހިއްސާގެ ފައިދާ ޖަމާކޮށްފި. މިއީ ބޮޑު ކުރިއެރުމެއް. ކާމިޔާބީއެއް," ޝާހިދު ވިދާޅުވިއެވެ.

އެސްޓީއޯގެ ވިޔަފާރީގެ ކުރިއެރުން

މައިގަނޑު ވިޔަފާރިތަކުގެ ކުރިއެރުން:

  • ތެޔޮ: 12 ބިލިއަން (7% ދަށް)
  • ގޭސް: 261 މިލިއަން (4% މަތި)
  • ޓްރޭޑިންގ: 3.1 ބިލިއަން (8% މަތި)
  • ޝިޕިންގ: 432 މިލިއަން (15% މަތި)
  • އިންޝުއަރެންސް: (46% މަތި)

އަލަށް ފެށޭ މަޝްރޫޢުތައް

އެސްޓީއޯއިން ވަނީ 12 އަހަރު ކުރިން ހަދަން ފެށި ހޮޓަލުގެ ބަދަލުގައި، ހުޅުމާލެ ފޭސް 3 ނުވަތަ ޓޫރިޒަމް އައިލެންޑް ސަރަހައްދުން 40,000 އަކަފޫޓުގެ ބިމެއް ހޯދާފައެވެ.

އެމްޑީ ޝިމާދު ވިދާޅުވިގޮތުގައި: "ޓޫރިޒަމަށް ޚާއްޞަ ކުންފުނިތައް ސަރުކާރުގައި އެބަހުރި. އަމިއްލަ ފަރާތްތަކުން ވެސް ފުޅާކޮށް އެ ވިޔަފާރި ކުރޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފޯކަސް ހުރީ ކުރަމުންދާ ވިޔަފާރިތަކަށް."

މީގެ އިތުރުން، އެސްޓީއޯއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާއެކު ބަންކަރިންގ ވިޔަފާރިއަށް ވަދެފައެވެ. އިހަވަންދިއްޕޮޅުގައި ފްލޯޓިންގ ބަންކަރިންގ ފެށުމުގެ އިތުރުން، މާލެ ސަރަހައްދުގައި ވެސް މި ވިޔަފާރި ކުރިއަރަމުންދާކަމަށް އެމްޑީ ޝިމާދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.