18 މެއި 2025، ހޮނިހިރު – އެމެރިކާގެ މެދު ސަރަހައްދުގެ ދެ ސްޓޭޓަކަށް އެރި ވަރުގަދަ ނަގޫރޯޅީގެ ސަބަބުން މިހާތަނަށް 21 މީހަކު މަރުވެ، ސަތޭކަ ހާހަށްވުރެ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންވެއްޖެއެވެ.
ރަސްމީ ފަރާތްތަކުން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ކެންޓަކީ އަދި މިސޯރީ ސްޓޭޓަށް މި ނަގޫރޯޅިތައް އަރަން ފެށިއެވެ. ކެންޓަކީ ސްޓޭޓުން 14 މީހުން މަރުވެފައިވާއިރު، މިސޯރީ ސްޓޭޓުން 7 މީހަކު މަރުވީކަމަށް ވަނީ އިޢުލާންކޮށްފައެވެ.
ކެންޓަކީ ސްޓޭޓުގެ ލައުރެލް ކައުންޓީގެ އިރުދެކުނު ސަރަހައްދަށް އަރާފައިވާ ނަގޫރޯޅީގެ ސަބަބުން އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އިމަޖެންސީ އޮފިޝަލުންގެ ބުނުން ގޮތުގައި، މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރު އެބައޮތެވެ.
މިސޯރީ ސްޓޭޓުގައި 5,000 އަށްވުރެ ގިނަ ގެއަށް ގެއްލުންވެފައިވާއިރު، ވަރަށް ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑި، އާންމު ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައިވެއެވެ.
ޖުމްލަ ގޮތެއްގައި މި ދެ ސްޓޭޓުގެ 140,000 ތަނަކަށް ބޮޑެތި ގެއްލުންތައް ލިބި، ކަރަންޓު ކެނޑިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މިހާރު ކުއްލި އެހީގެ ޓީމުތައް ވަނީ ލިބިފައިވާ ގެއްލުންތައް ބެލުމަށް ހަރަކާތްތެރިވާން ފަށާފައެވެ.
ކެންޓަކީ އަދި މިސޯރީ ސްޓޭޓުން ވަނީ ކުއްލި ހާލަތު އިޢުލާންކޮށްފައެވެ. އަދި އޮފިޝަލުން ބުނާ ގޮތުގައި ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ