ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު އިތުރަށް ކުރިއަރަމުންދާކަން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2025 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް 900,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 8% އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 833,000 ފަތުރުވެރިންނެވެ. އެހެންނަމަވެސް މިއަހަރު އެވްރެޖްކޮށް ދުވާލަކު 6,700 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދެއެވެ.
އެންމެ ފަހުން ނިމިދިޔަ މަހު 198,000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިހިނގާ މަސް ނިމުމުގެ ކުރިން 170,000 ފަތުރުވެރިން އިތުރަށް ޒިޔާރަތްކޮށްފިނަމަ، 2025 ވަނަ އަހަރުގެ ފަތުރުވެރިންގެ އަދަދު 1 މިލިއަނަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިހާތަނަށް މިމަހު 70,000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެވްރެޖްކޮށް ދުވާލަކު 5,000 ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ.
މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ (103,000)، ރަޝިއާ (97,000) އަދި އިނގިރޭސިވިލާތް (93,000) ހިމެނެއެވެ.
2024 ވަނަ އަހަރު 1 މިލިއަން ފަތުރުވެރިންގެ އަދަދު ހަމަވީ ޖޫން މަހުގެ ފަހު ހަފްތާގައި ކަމަށްވާއިރު، 2025 ގައި މިއަދަދު ހަމަވާނީ މިމަހު ނުވަތަ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ލަފާކުރެވެއެވެ.
ފަތުރުވެރިންގެ 70% މަޑުކުރަނީ ރިސޯޓުތަކުގައި ކަމަށްވާއިރު، 23% މަޑުކުރަނީ ގެސްޓްހައުސްތަކުގައެވެ. މިއީ ރަށްރަށުގައި ހިންގާ ފަތުރުވެރިކަމަށްވެސް ލިބޭ ހިތްވަރެކެވެ.
މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އަރާނެކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ