ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
17 މެއި 2025 08:47
0

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ހުޅުވާލައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެއެވެ.

އިޢުލާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ކުރިމަތިލާ ފަރާތްތަކަށް ކޮމިޝަނުގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑްކޮޕީ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވާކަމަށެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ އިޖުރާއަތު

ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަނީ އަންނަނިވި އިޖުރާއަތުތަކެވެ:

  • ކުރިމަތިލާ ފަރާތްތަކާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ނަންތައް ހުށަހެޅުން
  • ޖޭއެސްސީން ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
  • މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ފަރާތެއް ރައީސް އައްޔަންކުރެއްވުން
  • ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވޭ

ސުޕްރީމް ކޯޓުގައި ހުސްވި މަޤާމުތައް

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ، ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ އަމީން ޢާންމާއި ޤާނޫނީ އެތައް ބޭފުޅުންނެއް ފާޑުކިޔުން އަމާޒުކޮށްފައިވަނިކޮށް ވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމިއެވެ.

މީގެކުރިން، މިދިޔަ ފެބްރުއަރީ މަހު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ހިމެނޭ ގޮތަށް ތިން ފަނޑިޔާރުން ޖޭއެސްސީން ސަސްޕެންޑްކޮށްފައިވެއެވެ. އޭގެފަހުން ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، ހުސްނުއްސުޢޫދު އިސްތިޢުފާ ދެއްވިއެވެ. ނަމަވެސް ސަރުކާރުން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީގައި އިތުރުކުރި "ގޮނޑި ގެއްލޭ އާ ހާލަތްތަކަށް" ޢަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް، ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާ ގުޅިގެން އެ މައްސަލަ ވެސް މިހާރު ވަނީ ހުއްޓިފައެވެ.

ހުސްނުއްސުޢޫދުގެ އިސްތިޢުފާއާ ގުޅިގެން އެ މަޤާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.