ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން ޝަރުޢީ ދާއިރާއާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސާވިސް (އީއީއޭއެސް) އަށް ހުށަހަޅައިފިއެވެ.
އީއީއޭއެސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޮނީއާއެކު ބޭއްވުނު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ މަޖިލިސް މެންބަރު ޙުސައިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.
އެމްޑީޕީގެ ފަރާތުން ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ފަހަތަށް ސޮއްސައިލަމުންދާ ދިޔުމާއި ޝަރުޢީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި މަހާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ފާސްކުރުމަށްފަހުގައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމާފައިވަނީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑޮކްޓަރ އިސްމާޢީލް ލަޠީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވުނު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްފައިވާއިރު، ގިނަ ފަރާތްތަކަކުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށްފައެވެ. ފާހަގަކޮށްލެވޭ ކަމަކީ މަހާޒް އަދި އަޒްމިރާލްދާއަށް ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެދުނު ފުރުސަތު ވެސް ދީފައިނުވާކަމެވެ.
ކޮމެންޓު ފޮނުވާ