ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޣައްސާން މައުމޫނާއި ޝިޔާމު ހަމަޖައްސައިފި

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޣައްސާން މައުމޫނާއި ޝިޔާމު ހަމަޖައްސައިފި

Author
ހުސައިން
16 މެއި 2025 11:04
0

ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ނައިބު ރައީސުންގެ ގޮތުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި މަސްވެރިކަމުގެ ވަޒީރު އަޙްމަދު ޝިޔާމް ހަމަޖައްސައިފިއެވެ.

މިކަން ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީގެ ސެނެޓުން ބޭއްވި ބައްދަލުވުމެއްގައެވެ. ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުން ސެނެޓުގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. މި ޚާއްޞަ ބައްދަލުވުމުގައި 123 ސެނެޓް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމް އުވާލުމާއި ގުޅިގެން، އެ ޕާޓީގެ ގިނަ ސެނެޓް މެންބަރުން ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ. މި މެންބަރުން ރަސްމީކޮށް ޕާޓީއާ ގުޅުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް މިރޭ ޕީއެންސީގެ އޮފީހުގައި ބޭއްވުނެވެ. މީގެއިތުރުން، ޕީއެންސީގެ މެންބަރުންގެ މަޖިލިސްގެ ފުރަތަމަ ބައްދަލުވުމުގައި، ޕީޕީއެމްގެ ކުރީގެ ލީޑަރޝިޕް އަދި ސެނެޓް މެންބަރުން ޕީއެންސީގެ ލީޑަރޝިޕާއި މެންބަރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ހަމައެއާއެކު، ޕާޓީގެ އިސް ސަފުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ރަސްމީކޮށް ހިމެނުމަށާއި، އިތުރު ބައެއް އިދާރީ އިޞްލާޙުތައް ޕާޓީގެ ހިންގާ ގަވާއިދަށް ގެނައުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިވަގުތު ޕީއެންސީގައި 6 ނައިބު ރައީސުން ތިއްބެވި، އޭގެ ތެރޭގައި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އަދި ލޯކަލް ގަވަރމަންޓް ވަޒީރު އާދަމް ޝަރީފް ޢުމަރު ހިމެނިވަޑައިގަންނަވައެވެ.

ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ޕީޕީއެމް އުވާލާފައިވަނީ ޕީއެންސީ ވަރުގަދަކުރުމުގެ މަޤްޞަދުގައެވެ. މި ބަދަލާއެކު، ޕީޕީއެމްގެ ގިނަ އާންމު މެންބަރުން ވެސް ވަނީ ޕީއެންސީއާ ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.