އެފްއެސްއެމްގެ 25 އަހަރީ ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތައް ރާވައިފި

އެފްއެސްއެމްގެ 25 އަހަރީ ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތައް ރާވައިފި

Author
ހުސައިން
15 މެއި 2025 05:49
0

އެފްއެސްއެމްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މި އަހަރު ތެރޭގައި ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއެސްއެމްއިން މިއަދު ހާމަކޮށްފިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެފަދަ ކަންތައްތައް ހިމެނޭކަމަށް ބުނެފައިވެއެވެ.

އެފްއެސްއެމްއިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ރަށްރަށުގެ ކޮމިއުނިޓީ ލައިބްރަރީތައް ޤާއިމްކުރުމާއި، ގަސް އިންދުމުގެ ޕްރޮގްރާމްތަކާއި އެންޖީއޯތަކާ ގުޅިގެން ކުރިއަށް ގެންދާ ސީއެސްއާރް ހަރަކާތްތައްވެސް ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ "އެފްއެސްއެމް އާއިލީ ހަވީރު" ނަމުގައި ބާއްވާ ހަރަކާތެކެވެ. މިއީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހާ ގުޅުވައިގެން އާންމުންނަށް ޚާއްޞަކޮށްގެން ބޭއްވޭ ޙަފްލާއެކެވެ.

އާއިލީ ހަވީރުގެ އިންތިޒާމްތައް ކުރަމުންދަނީ އެފްއެސްއެމްގެ ފިއުލް ރިކްރިއޭޝަން ކްލަބާއި ހުރިހާ ޑިޕާޓްމަންޓްތަކާ ގުޅިގެންނެވެ. މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު (16 މޭ 2025) 4 އިން 6 އަށް ކުޑަކުދިންގެ ބަގީޗާގައެވެ.

އާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި ތަފާތު ގޭމްތައް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފޭސް ޕެއިންޓިންގް، ކޭކް ޑެކަރޭޝަން، ގޯލް ޝޫޓިންގ، ބޯޓް ޕެއިންޓިންގް އަދި ސްނޭކް އެންޑް ލެޑާ ފަދަ އެކި ކުޅިވަރުތައް ހިމެނެއެވެ. އަދި ޓްރާންސްފޯމާޒްއާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުޞަތާއި އެކި ހަދިޔާތައް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

އެފްއެސްއެމްގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގައި އާއިލާތަކާއެކު ބައިވެރިވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.