ބަޔޯޑައިވަސިޓީ ދުވަހާ ގުޅިގެން އައްޑޫ ނޭޗާ ޕާކުން ފޮޓޯ މުބާރާތެއް ބާއްވަނީ

ބަޔޯޑައިވަސިޓީ ދުވަހާ ގުޅިގެން އައްޑޫ ނޭޗާ ޕާކުން ފޮޓޯ މުބާރާތެއް ބާއްވަނީ

Author
ހުސައިން
14 މެއި 2025 05:01
0

އައްޑޫ ސިޓީ، 14 މެއި 2025 – ބައޮޑައިވަސިޓީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ނޭޗާ ޕާކުން "ސަސްޓައިނަބަލް ޕްރެކްޓިސެސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، އާންމުކޮށް ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި، މުބާރާތަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކާ ގުޅޭ ފޮޓޯތަކެއް ކަމަށް އައްޑޫ ނޭޗާ ޕާކުން މައުލޫމާތު ދެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ދެ ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ފޮޓޯތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އައްޑޫ ނޭޗާ ޕާކުން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އީމެއިލް އެޑްރެސް [email protected] އަށް ފޮޓޯތައް ހުށަހަޅަންވާނެ ކަމަށެވެ. އަދި މުބާރާތުގައި އެންމެ މޮޅު ތިން ފޮޓޯ ހޮވައި، އެއްވަނައަށް 3,500 ރުފިޔާ، ދެވަނައަށް 2,500 ރުފިޔާ އަދި ތިންވަނައަށް 1,500 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ" މިހެން އައްޑޫ ނޭޗާ ޕާކުގެ ވެރިޔަކު ވިދާޅުވިއެވެ.

ފޮޓޯ މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އައްޑޫ ނޭޗާ ޕާކުގެ ނަންބަރު 7580059 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބަޔޯޑައިވަސިޓީ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 22 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. ދިރޭތަކެތީގެ ނަސްލުތަކުގެ ތަފާތުކަމަކީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ ފަރުތަކާއި ކަނޑުގެ މާހައުލުގައި ދިރިއުޅޭ ތަފާތު އެތައް ބާވަތެއްގެ މަސްމަހާމެއްސާއި މޫދު ދިރުންތަކަކީ ގައުމުގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ބައެއްކަން މާހިރުން ފާހަގަކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ބަޔޯޑައިވަސިޓީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި، އައްޑޫ ނޭޗާ ޕާކުން ކުރިންވެސް ވަނީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ރުއް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.