ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމާއި ގުޅިގެން މިއީ ޤައުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެކަމެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެއްޖެއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް މަގާމުން ވަކިކުރުމަކީ އެޕާޓީން ކުށްވެރިކުރާ ކަމެކެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ޢަމަލެކެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދިޔައީ އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި، ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. ހަމައެހެންމެ، ފަނޑިޔާރުންގެ މައްސަލަތައް ގާނޫނާ ޚިލާފަށް ބަލާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ކޮމިޓީ މަރުޙަލާގައި ދެ ފަނޑިޔާރުންނަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާއިރު، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް، އެމްޑީޕީގެ މި ބަޔާނާ ގުޅިގެން ފާހަގަކުރެވޭ ކަމަކީ، ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން މަގާމުން ވަކިކޮށް ބެންޗު އެއްކޮށް ބަދަލުކޮށްފައިވާކަމެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ ރައީސް ސާލިޙްގެ ވެރިކަމުގައި އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ. ރައީސް ސާލިޙްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން 08 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެމްޑީޕީގެ މި ބަޔާނުގައި ބުނެފައިވާގޮތުން، ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށާއި، މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ