އިންސާނުންނާއި ކާޅާއި ވާ ފަދަ ޖަނަވާރާއެކު އެއްތަނެއްގައި އުޅެން ދަސްކުރުމަކީ މުހިންމު ކަމެއް ކަމުގައި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކާޅާއި ވާ ފަދަ ޖަނަވާރުތައް ދިރިއުޅޭ ތަންތަން ހަލާކުވެފައިވާތީ، އެ ޖަނަވާރުތަކުން އަހަރެމެންގެ ގޭގޭގައި ހުންނަ ގަސްގަހުން މޭވާ ކައިބޮއި ހަދަމުންދާ ކަމަށެވެ.
"މީގެ ދޭހަވަނީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ، އެ އެއްޗެހިވެސް ދާނެ ތަނެއް ހޯދަންޖެހެއޭ. މިކަހަލަ ކަންކަމާހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާލުގެ ހެބިޓެޓް ރައްކާތެރިކުރަންޖެހެއޭ" ވަޒީރު ވިދާޅުވިއެވެ.
އެންވަޔަމަންޓް މިނިސްޓްރީއާއި، އީޕީއޭ އަދި ދުނިޔޭގެ އެކި އެންވަޔަމެންޓަލް ޖަމިއްޔާތަކުންވެސް ދެއްވާ ލަފައަކީ މި ދޫނި ސޫފާސޫފްޕާ އެކު އުޅެން ދަސްކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އުޅޭ ކާޅުގެ ބަދަލުގައި އައްޑުއަތޮޅުގައި ދިރިއުޅޭ ޚާއްސަ ދޫނި ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެންވަޔަމަންޓް މިނިސްޓްރީއާއި އީޕީއޭއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ވަރަށް އަވަހަށް މިކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ދޫނިސޫފާސޫފި މަރައިގެން މައްސަލަތައް ހައްލުކުރަން ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި "އެއާއެކު އުޅެ، އެއަށްވެސް އުޅެން ދަސްކޮށްދީގެން" ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ.
"މިހެން ބުނީމާ ތިބޭފުޅުން ވިދާޅުވެދާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ އުޅެން؟ އޭގައިވެސް ގިނަ އުކުޅުތަކެއް ހުރޭ. އޭގައިވެސް އުކުޅުތައް ހުރޭ. ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރު ކުރުން" ވަޒީރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ދިރިއުޅޭނެ މާހައުލު ނެތުމުގެ ސަބަބުން ރާއްޖޭގައިވެސް ބައެއް ޖަނަވާރާއި ދޫނި ސޫފާސޫފި ނެތިގެން ހިނގައިގޮސްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ