ސަންލޭންޑު ނަޒީރުގެ މައްޗަށް ޣައިބު ކަށުނަމާދު މިރޭ

ސަންލޭންޑު ނަޒީރުގެ މައްޗަށް ޣައިބު ކަށުނަމާދު މިރޭ

Author
ހުސައިން
14 މެއި 2025 12:23
0

ސަންލޭންޑު ހޮޓެލްސްގެ ޑިރެކްޓަރެއް ކަމުގައިވާ މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވުމާ ގުޅިގެން، އޭނާގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަން އިސްލާމިކް މިނިސްޓްރީން ވަނީ އެކްސް މެދުވެރިކޮށް އާންމުކޮށްފައެވެ.

ހ. ލަންޓަން، ނަޒީރު (66 އަހަރު) ވަނީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގައި އަވަހާރަވެފައެވެ. އޭނާގެ ޖަނާޒާ ވަނީ އިއްޔެ އިނގިރޭސިވިލާތުގައި ބާއްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ މުހައްމަދު ނަޒީރަކީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސަންލޭންޑު ޓްރެވެލްސްގެ ޑިރެކްޓަރެއްގެ އިތުރުން، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

އައްޑޫ ހުޅުދޫއަށް އުފަން ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާއެވެ. ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

ރިސޯޓު ހިންގުމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު ދިވެހި އެއް ކުންފުނިކަމަށްވާ ސަންލޭންޑު ގްރޫޕުން ހިންގަމުންދަނީ މަކުނުދޫ އައިލެންޑް ރިސޯޓާއި، ކޮކޯ ޕާމް ބޮޑުހިތި، ކޮކޯ ޕާމް ކުޑަހިތި، ކޮކޯ ޕާމް ދުނިކޮޅު އަދި ބިޔާދޫ ރިސޯޓެވެ. ސަންލޭންޑު ގްރޫޕުގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.