ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ފެންކޮއެ ހަންޓު" މިއަދު ރަސްމީކޮށް ފަށައިފިއެވެ. އެޗްޑީސީ އާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް މި މަހުގެ 11 އިން 17 އަށް ކުރިއަށްދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ހުޅުމާލޭގެ އެކިއެކި އާންމު ސަރަހައްދުތަކުގައި ފޮރުވާފައި ހުންނަ 35 ކިއުއާރު ކޯޑު ހޯދައި، ސްކޭން ކުރުމަށްފަހު ޕޮއިންޓް އެއްކުރަމުން ގެންދާނެއެވެ. ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯނު ނަންބަރު ބޭނުންކޮށްގެން އޮންލައިންކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.
ކިއުއާރު ކޯޑު ސްކޭންކުރުމުން، ބައިވެރިންނަށް 20 ޕޮއިންޓް ނުވަތަ 50 ޕޮއިންޓް ނުވަތަ 100 ޕޮއިންޓް ލިބިގެންދާނެއެވެ. ކޯޑުތައް ހޯދަމުން ގެންދިޔުމާއެކު، ބައިވެރިންނަށް ލައިވް ލީޑަރބޯޑް ފެންނަމުންދާނެއެވެ. އަދި ކިއުއާރު ކޯޑުތައް ފޮރުވާފައި ހުރި ސަރަހައްދުތަކުގެ ހިންޓުތައްވެސް ދެމުން ގެންދާނެއެވެ.
އެޗްޑީސީން މަޢުލޫމާތު ދިން ގޮތުގައި، ވަނަތައް ހާމަކުރުމާއި އިނާމު ދިނުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ބާއްވާ "ބީޗް ފެސްޓް" ގައެވެ. މި ހަންޓުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ. ފުރަތަމަ ވަނައަށް 7،000 ރުފިޔާ، ދެވަނައަށް 4،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާ ލިބިގެންދާނެއެވެ.
ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހުގެ ފެސްޓިވަލްގެ ހަރަކާތްތައް ފެށިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ކުލަގަދަ ފެމިލީ ކާނިވަލަކުންނެވެ. ހަފުތާއެއްގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި، ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕް އަދި ބީޗް ފެސްޓް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ