ކައުންސިލެއްގެ ހުސްވާ މަޤާމަށް ދޮޅު އަހަރު މީހަކު ނުލުމާ އިދިކޮޅު އެމްޑީޕީން ދެކޮޅު

ކައުންސިލެއްގެ ހުސްވާ މަޤާމަށް ދޮޅު އަހަރު މީހަކު ނުލުމާ އިދިކޮޅު އެމްޑީޕީން ދެކޮޅު

ގުޅުންހުރި

ކައުންސިލްތަކުގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަޤާމުތަކަށް ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ސަރުކާރުން ހުށަހެޅި އިޞްލާޙާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގައި ވާހަކަދައްކައިފިއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ކަމަށް ބުނެ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ހުށަހެޅި މި އިޞްލާޙު 58 މެންބަރުންގެ ވޯޓުން މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފިއެވެ. އިދިކޮޅު އެމްޑީޕީގެ 9 މެންބަރުން ވަނީ މި އިޞްލާޙާ ދެކޮޅަށް ވޯޓުދީފައެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މި ބިލު ސިފަކުރެއްވީ "ތާކުންތާކު ނުޖެހޭ" ބިލެއްގެ ގޮތުގައެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި މި ބަދަލު ގެނެސް، އެއްކޮޅުން ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް ހަދައި، 80 އަށް ވުރެ ގިނަ ސިޔާސީ މަޤާމު އުފައްދާފައިވާތީ ނާޒިލް ސުވާލު އުފެއްދެވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ވެސް ކަންބޮޑުވުން ފާޅުކުރައްވައި، ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގައި ކޮންމެ އަވަށެއްގައި ހުންނަނީ އެންމެ ކައުންސިލަރެކެވެ. އެ ކައުންސިލަރު މަޤާމުން ވަކިވެއްޖެނަމަ، ދޮޅު އަހަރު ވަންދެން އެ އަވަށެއް ތަމްސީލުވުން ކައުންސިލުން ގެއްލޭނެއެވެ.

"ސުވާލަކީ، މި ދޮޅު އަހަރުވަންދެން ރައްޔިތުންގެ އެއްވެސް ރެޕްރެޒެންޓޭޝަނެއް ނެތި ތިބެންވީތޯ؟" އަޙްމަދުދީދީ ސުވާލުކުރެއްވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނު މި ސަރުކާރުން ތިން ފަހަރު އިޞްލާޙުކޮށްފައިވާއިރު، ޚަރަދު ކުޑަކުރަން އެހެން ކަމެއް ނުކުރާކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި ށ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ވަނީ ހުއްޓިފައެވެ.

އަމީން މަޖާޒީ ގޮތުގައި ހުށަހެޅުއްވީ، ކޮމިޓީ މަރުޙަލާގައި އިތުރު އިޞްލާޙެއް ގެނެސް، "ލޯކަލް ކައުންސިލްގެ އިންތިޚާބު ވެސް، ޑަބްލިއުޑީސީގެ އިންތިޚާބު ވެސް ބާއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ފެނިވަޑައިގެންނެވި ދުވަހެއްގައި" ކަމަށް ބަޔާންކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ