ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ތަޢާރަފުކުރި "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމަށް މިހާތަނަށް 1507 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ދެއްވި މަޢުލޫމާތާ އެއްގޮތަށް، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 976 މައްސަލައަކަށް އިމިގްރޭޝަނުން އެޓެންޑްވެ، 244 މައްސަލައެއް ވެރިފައިކުރުމުގެ މަރުޙަލާގައި ދަނީ ކުރިއަށެވެ. އަދި މިވަގުތު ނުބެލި އޮތީ 116 މައްސަލައެވެ. އަދި މީގެ އިތުރުން އިމިގްރޭޝަން އިދާރާއާ ގުޅުން ނެތް 171 މައްސަލަވެސް ހުށަހެޅިފައިވާކަން އިމިގްރޭޝަނުން ފާހަގަކުރައްވައިފިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވައެވެ. މިގޮތުން މާލޭގައި ހިންގާ އޮޕަރޭޝަންތަކުގެ އިތުރުން، މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމަށްފަހު ބިދޭސީންގެ މައްސަލަތައް 3 އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެއްކަމުގައި ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ