ރޭ ދަންވަރު ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާއާއެކު ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވުމަށްފަހު ބަލައި ފާސްކުރިއިރު، ކާރުގެ ޑިކީ ތެރެއިން ކަޅުކުލައިގެ ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކެއް ފެނުނެވެ. މި ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި 84 ފުޅި ބަނގުރާ ހުރިކަން ފާހަގަކުރެވުނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން (46 އަހަރު) އެވެ. އޭނާއަކީ ހައްޔަރުކުރި ވަގުތު ކާރު ދުއްވަމުންދިޔަ ފަރާތެވެ. އަދި މައްސަލައާ ގުޅިގެން އެ ކާރު ވެސް ފުލުހުން ވަނީ ޓޯވކޮށްފައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ. އިތުރު ތަފުސީލު ލިބުމުން ޢާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.