ވެލިދޫ ބަނދަރު މަސައްކަތް ލަސްވަނީ އެކްސްކަވޭޓަރުގެ މައްސަލައާ ހުރެ: މުއްޠަލިބް

ވެލިދޫ ބަނދަރު މަސައްކަތް ލަސްވަނީ އެކްސްކަވޭޓަރުގެ މައްސަލައާ ހުރެ: މުއްޠަލިބް

Author
ހުސައިން
12 މެއި 2025 12:28
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ފެށުނު ވެލިދޫ ބަނދަރު މަސައްކަތް ލަސްވެފައިވަނީ މައިގަނޑު ގޮތެއްގައި އެކްސްކަވޭޓަރުގައި މައްސަލަ ޖެހިގެން ކަމަށެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ ސުވާލަށް ޖަވާބުދެއްވަމުން، ވަޒީރު މުއްޠަލިބް ފާހަގަކުރެއްވީ ބަނދަރު މަޝްރޫޢު ލަސްވުމަށް ދިމާވި އިތުރު ސަބަބުތަކުގެ ތެރޭގައި ކައުންސިލުން ބަނދަރުގެ ކޮންސެޕްޓަށް ބަދަލު ގެނައުމަށް އެދިފައިވުން ހިމެނޭކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކައުންސިލުން އެޕްރޫވްކޮށްގެން ކުރާ މަސައްކަތަކަށް އިތުރު ބަދަލު ގެނައުމަކީ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ދަތިވާނެ ކަމެއް" ކަމަށް ވަޒީރު މުއްޠަލިބް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަޝްރޫޢަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭރު ތޮށީގެ މަސައްކަތް އަދިވެސް ފެށިފައިނުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މަޝްރޫޢަށް ބޭނުންވާ އެލް ބްލޮކްސްތައް މި މަހުގެ ތެރޭގައި ވެލިދުއަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައި ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

މުޅި ބަނދަރު މަޝްރޫޢު ފުރިހަމަވެ، ރައްޔިތުންނަށް ބޭނުންކުރެވޭނެ ކަމަށް ލަފާކުރެވެނީ ސެޕްޓެންބަރު 2026 ގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރައީސް ޞާލިޙްގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ 50 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މަޝްރޫޢުގެ ދަށުން ރަށުގެ ބަނދަރު 3.5 މީޓަރަށް ފުންކުރުމާއި، ނެރު 4 މީޓަރަށް ފުންކުރުމާއި، 12 މީޓަރުގެ ނެރު ފައިކަށްޓެއް ޖެހުމާއި، ރަށުގެ މިހާރު އިން ސޭންޑް ފިލް ބްރޭކް ވޯޓާ ރީޕްރޮފައިލް ކުރުމަށްފަހު ރާޅު ނާރާ ގޮތަށް ފާރެއް ރޭނުން ހިމެނެއެވެ.

އަދި މީގެ އިތުރުން 151 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުމާއި، 167 މީޓަރުގެ އެލް ބްލޮކް ވާޓަރާއި 22 ބައްތި އަދި ދެ ނެރުބައްތި ޖެހުމުގެ އިތުރުން 2,433 މީޓަރު ކޮންކްރީޓް ޕޭވްމަންޓެއް އެޅުމާއި 120 މީޓަރު ދޯނި އެހެލާ ސަރަހައްދު ފުންކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.