ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެފައިވަނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިން ރައްކާތެރިކަން ނުލިބި، ކުށުގެ ވެއްޓަށް ދިއުމުގެ ސަގާފަތެއް ރާއްޖޭގައި އޮތްކަމަށާއި، މި ސަގާފަތް ބަދަލުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ޔުނިސެފްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، މިއަދު ކުށުގެ މާޙައުލުގައި ތިބި ގިނަ ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ކުދިންކަމަށެވެ. މިފަދަ ޙަޤީޤަތްތައް ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ކަންކަން ނިންމާއިރު ގަބޫލުކުރަން ޖެހޭކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ ޚާއްޞަ ސަމާލުކަމެއް ދެއްވީ ހަޤީޤީ ހާދިސާތަކަށެވެ. މީގެތެރޭގައި މަރުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު 14 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ. އެ ކުއްޖާ ހައްޔަރުކުރުމުގެ ކުރިން، ކަމާބެހޭ އިދާރާތަކާ 191 ފަހަރު މުޢާމަލާތްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ، ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަޙައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދަޢުވާ ކުރެވުނު މައްސަލައެއްގައި، އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެ ކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ވިދާޅުވީ، މިފަދަ މައްސަލަތަކުން ދައްކުވައިދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅު އެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވާކަމެވެ. އެހެންކަމުން، ސްކޫލްތަކާއި މައިންބަފައިންނާއި އަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކުން ކުޑަކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ، އެކަމަށް އަވަސް އިޖާބައެއް ދިނުމަށް ގޮވާލެއްވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މި މައްސަލަތަކަށް ޙައްލު ހޯދުމަށް ގެންގުޅޭ ވިސްނުން ބަދަލުކޮށް، ޢާއިލީ ބައިވެރިވުން ހަރުދަނާކުރުމަށް ގޮވާލެއްވިއެވެ. ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއެޅުއްވިއެވެ. އަދި ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާ ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުޞަތުތައް ނައްތާލުމަށާއި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ