ޕާކިސްތާންއިން އިންޑިއާށް އަސްކަރީ ހަމަލާ ދޭން ފަށައިފިއެވެ.
ޕާކިސްތާނު ސިފައިން ބުނެފައިވަނީ އިންޑިއާއިން ސިފައިންގެ 3 ވައިގެ ބޭސް އަކަށް ހަމަލާ ދިނުމާ ގުޅިގެން، އިންޑިއާއަށް ޖަވާބުދާރީވުމުގެ ގޮތުން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިންޑިއާ ސިފައިންގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން "އެއަރ-ޓު-ސަރފޭސް މިސައިލް" ބޭނުންކޮށްފައިވާ ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފައިވެއެވެ.
ޕާކިސްތާނު ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، އެންމެ ފަހުން ދެވުނު ހަމަލާތަކާ ގުޅިގެން ހޮނިހިރު ދުވަހު ހެނދުނު 3:15 (22:15 ޖީއެމްޓީ) އިން ފެށިގެން މެންދުރު 12 (07:00 ޖީއެމްޓީ) އަށް އެ ޤައުމުގެ ވައިގެ ސަރަހައްދު ބަންދުކުރާނެ ކަމަށެވެ.
އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރާއި އިންޑިއާގެ ޕަންޖާބު ސްޓޭޓްގައި ގޮވުމުގެ އަޑުތަކާއި އެއަރ ރެއިޑް ސައިރަންތައް އިވިފައިވާ ކަމަށް، އަދި 26 ތަނެއްގައި ޑްރޯން ފެނިފައިވާ ކަމަށް އިންޑިއާ ސިފައިން ބުނެފައިވެއެވެ. އަދި މި ޑްރޯންތަކަށް ޓާގެޓް ކުރެވި، ހަމަލާ ދެވެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޕަންޖާބު ސްޓޭޓްގެ ފީރޯޒްޕޫރު ސިޓީގައި ޑްރޯން ހަމަލާއެއްގައި 3 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.
އިންޑިއާއިން ބުދަ ދުވަހު ޕާކިސްތާނާއި، ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި "ޓެރަރިސްޓް ކޭމްޕް" ތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް ބުނެ، މި ހަމަލާތައް ދިން ފަހުން، މިހާތަނަށް ގާތްގަނޑަކަށް 50 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ. އޭގެ ތެރެއިން 33 މީހުން މަރުވެފައިވަނީ ޕާކިސްތާނުގައެވެ.
ޕާކިސްތާނުގެ ސިފައިން ބުނެފައިވަނީ އެމީހުން އިންޑިއާގައި އަދި އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ.
ޕާކިސްތާކުން ހަމަލާދިން ކަމަށް ބުނާ އިންޑިއާގެ ސިފައިންގެ ތަން:
- ބްރިގޭޑް ހެޑްކުއާޓަރސް ކޭޖީ ޓޮޕް
- ފީލްޑް ސަޕްލައި ޑިޕޯ އުރީ
- އާޓިލަރީ ގަން ޕޮޒިޝަން ދެރަންގްޔާރީ
- ބްރަހްމޯސް ބެޓަރީ ސައިޓް ނަގްރޯޓާ
- އުދަމްޕުރު އެއަރ ފީލްޑް
- ޕަތަންކޯޓް އެއަރ ފީލްޑް
މި ތަންތަނުގެ ބޮޑު ބައެއް ހުރީ ކަޝްމީރު ޑީ-ފެކްޓޯ ބޯޑަރު (ރަސްމީކޮށް އެއްބަސްނުވާ، ދެފަރާތުންވެސް އިންވަކިކުރާކަމަށް ބަލައިގަންނަ ބޯޑަރު) ކައިރީގައި ނުވަތަ އެ ސަރަހައްދުގައެވެ. މިއީ ނިއު ދިއްލީ އާއި އިސްލާމްއާބާދު އާ ދެމެދު ޚިލާފު އުފެދިފައިވާ ކަޝްމީރު ސަރަހައްދު ބަހާލެވިފައިވާ ބޯޑަރެވެ. ޕަތަންކޯޓް އެއަރ ފީލްޑް ހުރީ ޕަންޖާބް ސްޓޭޓްގައި، އިންޑިއާގެ ރަސްމީ ބޯޑަރުގެ ތެރޭގައެވެ.
ޕާކިސްތާނުގެ ސިފައިން ބުނެފައިވަނީ "ލޮލަކަށް ލޮލެއް" ބަދަލުހިފުމެއްގެ ގޮތުން، އެމީހުން ހަމަލާދީފައިވަނީ ޕާކިސްތާނަށް މިސައިލް ހަމަލާ ދިނުމަށް ބޭނުންކުރި އިންޑިއާގެ އެއަރ ބޭސްތަކަށް ކަމަށެވެ. އިންޑިއާއިން ހަމަލާދިން ކަމަށް ޕާކިސްތާނުން ބުނާ ވާހަކަ ބައުނަލްއަގުވާމީ މީޑިއާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ