ސަރުކާރުގެ ލޯނު އެހީގެ ދަށުން ސްޕެއިންގައި ޕައިލެޓް ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ އޮންލައިންކޮށް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދަރިވަރުންގެ ކަންބޮޑުވުންތައް މިނިސްޓަރު ތަފްސީލުކޮށް އަޑުއައްސަވައި، އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ.
ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ކިޔަވަމުންދާ ދަރިވަރުން ވަނީ މިދިޔަ ފެބްރުވަރީ 22 ވަނަ ދުވަހު އެ ދަރިވަރުންގެ ކަންބޮޑުވުންތައް ސިޓީއަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައެވެ. މި ސިޓީގައި ދަރިވަރުން ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމުގެ ސަބަބުން ދަރިވަރުން އަމިއްލައަށް ޚަރަދުތައް ހަމަޖައްސަން ޖެހިފައިވާ ކަމުގެ ޝަކުވާ ހިމެނެއެވެ. އަދި ސަރުކާރުންދޭ ލޯނަށްވުރެ، ކޯހުގައި ހޭދަވާ މުއްދަތު އިތުރުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ދަރިވަރުން ބުނެފައިވާ ގޮތުގައި ސްޕެއިންއަށް ކަނޑައަޅައިފައިވާ ސްޓައިޕެންޑަކީ 1,300 ޑޮލަރެވެ. ނަމަވެސް ބާސެލޯނާގައި އެވަރެޖްކޮށް ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދު (ސްޓޫޑެންޓް އެކޮމެޑޭޝަން) އަށް އެކަނި މަދުވެގެން 1,300 ޑޮލަރު ޚަރަދުވާކަމަށާއި، ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް ވެސް އެ ގައުމުގައި މިހާރު އިތުރުވަމުން އަންނަކަން ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
އެ ސިޓީއަކީ ސްޕެއިންގައި ކިޔަވަމުންދިޔަ ތިރީހަކަށް ދިވެހި ދަރިވަރުން މަޝްވަރާކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވި ސިޓީއެކެވެ. އެ ސިޓީގެ ޖަވާބު ނުލިބޭތާ މަސްދުވަސްވެގެން އެކަމުގެ ކަންބޮޑުވުން ވެސް އެ ދަރިވަރުން "ސަން" އަށް ހިއްސާކޮށްފައިވެއެވެ. އެ ދަރިވަރުން އޭރުވެސް މިނިސްޓަރާ ބައްދަލުކުރުމަށް އެދިފައިވާކަމަށާއި ނަމަވެސް އެކަމަށް އޭރު ޖަވާބެއް ލިބިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ބޮޑު ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން ޕައިލެޓްކަން ކިޔަވައިގެން އައުމުން ވެސް، ވަޒީފާ ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން މިހާރު ތިބިކަމަށް މިދިޔަ މަހު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ވަޒީފާ ނުއުފެދޭތީ މިދިޔަ އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓްކަން ކިޔަވަން ދޫކޮށްފައިވަނީ އެންމެ 10 ފުރުސަތެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވަނީ ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ދޭ މިންވަރު ގިނަކަމަށް ބުނެ މިނިސްޓްރީއަށް ވަރަށް ގިނައިން ޝަކުވާ ލިބޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ