ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
07 މެއި 2025 09:00
0

މާލެ – ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މެލޭޝިއާގެ ސެލަންގޯ އިސްލާމިކް ޔުނިވަރސިޓީ (އެސްއައިޔޫ) އާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެމްއެންޔޫގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ދެ މުއައްސަސާގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޔޫއިން ހާމަކުރެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން ސަރަޙައްދީ އަދި ދުނިޔޭގެ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ދެ ފަރާތުން ގުޅިގެން ދިރާސާތައް ހެދުމާއި، މުވައްޒަފުންނާއި ދަރިވަރުންނަށް ތަމްރީނު ދިނުމަށް ފޮނުވުމާއި، އެއްބާރުލުންދީގެން ދިރާސާތަކާއި އިލްމީ މަސައްކަތްތައް ކުރުން އަދި ސެމިނާތަކާއި ސިމްޕޯޒިއަމްތައް ބޭއްވުން ފަދަ ކަންކަމުގައި އެއްބާރުލުން ދެވޭނެއެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވިގޮތުގައި، ދެ ޔުނިވަރސިޓީގެ ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމު ފޯރުކޮށްދިނުމުގެ ތަޖުރިބާ ބަދަލުކުރުމާއި، ރާއްޖެއާއި މެލޭޝިއާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މިއީ މުހިންމު އެއްބަސްވުމެކެވެ.

"މި އެމްއޯޔޫ ތަމްސީލުކުރަނީ ރަސްމީ އެއްބަސްވުމަކަށް ވުރެ މާ ބޮޑު ކަމެއް. މިއީ އިލްމާއި ތައުލީމާއި ސަގާފީ ގުޅުންތައް ކުރިއެރުވުމަށް އަޅުގަނޑުމެން ދެ ފަރާތުން އިސްކަންދޭ މިންވަރު ބަޔާންކޮށްދޭ ކަމެއް" ކަމަށް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.

އެސްއައިޔޫގެ ވައިސް ޗާންސެލަރު ޕްރޮފެސަރު މުޙައްމަދު ފަރީދު ރަވީ ބިން އަބްދުﷲ ވިދާޅުވިގޮތުގައި، އެއްބާރުލުންދޭ ޕްރޮގްރާމްތަކާއި، ދެ ފަރާތުން ގުޅިގެން ބާއްވާ ސިމްޕޯޒިއަމްތަކާއި، ނެރޭ ދިރާސާތަކާއި، މުޖުތަމަޢުގެ ތަރައްޤީއަށް އިސްކަންދިނުމަކީ މި އެއްބަސްވުމުގެ މުހިންމު މަޤްޞަދެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.