އެމްޓީސީސީއިން ހުޅުމާލެ 1 ގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ އޮރެންޖު ހިޔާއަށް ދަތުރުކުރުމަށް ހާއްސަ ބަސް ރޫޓެއް ޤާއިމްކޮށްފިއެވެ. މިއަދު މެންދުރު 1:30 އިން ފެށިގެން މި ދަތުރުތައް ފަށައިފިކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީއިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މިހާރު ހުޅުމާލޭގެ އެތެރޭގައި ކުރާ ހުރިހާ ދަތުރެއްގައި ވެސް އޮރެންޖު ހިޔާއަށް މަޑުކުރާނެއެވެ. އަދި މާލެއިން އޮރެންޖު ހިޔާއަށް ދަތުރުކުރާނީ އާރް15 ރޫޓުންނެވެ.
މިއާއެކު، ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން އޮރެންޖު ހިޔާއިން ދޭން ފަށާނެކަން އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. އަދި މި އައު ބަސް ރޫޓް ތަޢާރަފުކޮށްފައިވަނީ ތެލަސީމިއާ ކުދިންނަށް މިހާރަށްވުރެ ފަސޭހައިން އެތަނަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށްޓަކައިކަން ފާހަގަކޮށްފައިވެއެވެ.
ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ޤައުމީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ސިފައިންނާ ހަވާލުކޮށްފައިވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިތަނުގެ މަސައްކަތް ނިންމައި ހުޅުވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ތެލަސީމިއާ ދުވަސްކަމުގައިވާ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ