ސަސްޕެންޝަނުގައި މިވަގުތު ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރާއި ދެކޮޅަށް ހިންގާފައިވަނީ ޖަރީމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލި މައްސަލައަކީ، މަސާޖު ޕާލާއަކުން ހައްޔަރުކުރި ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ޖޭއެސްސީން އިއްޔެ ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެ މައްސަލަ އެޖެންޑާ ކުރެވިފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައިވާ ދިވެހި ރައްޔިތުންގެ ބާރު ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލަކީ، ޤާނޫނުއަސާސީގައި ޤާއިމުވެފައިވާ އަސާސީ ސިފަތަކާއި މަބްދައުތަކާ ޚިލާފަށް ގެނެވުނު ބަދަލަކަށްވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ އަދި ޢާންމު މަޞްލަޙަތުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި، އެ ކޯޓުގައި އެ މައްސަލަ ބަލަމުން ދަނިކޮށް، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް، ތަޙްޤީޤު ހިންގައި، އަދި ވަކިކުރުމަށް ހުށަހެޅިގެން ދިޔައީ އިއްތިފާޤުން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ޑީޑީ ވިދާޅުވީ، މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށާއި، މި ޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި، އަދި ޕީނަލް ކޯޑްގެ 533 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްއޫލިއްޔަތުވެސް އުފުލަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމައި މަޖިލީހަށް އެ މައްސަލަ ފޮނުވާފައިވާއިރު، މި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ދާދިފަހުން ވަނީ ގޮވާލައިފައެވެ.
ކޮމެންޓު ފޮނުވާ