ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިދިޔަ މަހުގެ 4ގައި ފަށާފައިވާއިރު، މިދިޔަ 28 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ 80 ޕަސެންޓް ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
89.63 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމާއި، 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް އެޅުމާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް އެޅުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، މި މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ހަވާލުކޮށްފައި ވިޔަސް، އެމްޓީސީސީގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރަށް މަސައްކަތް ނިންމުމެވެ. އެގޮތުން، ބާކީ ހިއްކަންޖެހޭ ބިން ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝޯ ޕްރޮޓެކްޝަންއަށް ވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ޝިޕްމަންޓު 10،000 ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައި. އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެ ދަނީ. އަންލޯޑްކޮށް ނިމުނީމަ ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފެށިގެންދާނެ،" ސައުދީ ވިދާޅުވިއެވެ.
1،015 މީހުންގެ އާބާދީއެއް ދިރިއުޅޭ ގުޅިއަކީ ކުޑަ ރަށެކެވެ. ގެސްޓްހައުސް ވިޔަފާރި ވެސް ތަރައްޤީވަމުން އަންނަ އެ ރަށުން އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2003ގައި، އެންމެ 13 ބިމެވެ.
ކޮމެންޓު ފޮނުވާ