ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރުންގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދުނިން: ރައީސް

ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރުންގެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދުނިން: ރައީސް

Author
ހުސައިން
03 މެއި 2025 04:34
0

ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ވީހާވެސް އަވަހަށް ނިންމައިދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްއަށް ފޯނުން ދަންނަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުޑީޝަރީގެ ކަންކަން އެއްވެސް ވަރަކަށް ނުބައްލަވާ ކަމަށާއި، އެހެންނަމަވެސް މި މައްސަލަ އަވަހަށް ނިންމުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"މި ދޭތެރެއިން ދެ ފަހަރަކު އަހާލައިފިން ފޯނުކޮށް ކޮންއިރަކުންތޯ ތި މައްސަލަ އަވަހަށް ނިންމާލެވޭނީ، ދެތިން ފަހަރަކު މިހާރު އެ ވާހަކަ ވާނީ ދައްކާފައި ޖޭއެސްސީގެ ރައީސްއާ އަދި އަޅުގަނޑު އައްޔަނު ކުރި މެންބަރާ ވެސް" ރައީސް ވިދާޅުވިއެވެ. ޖޭއެސްސީން ޑިއު ޕްރޮސެސް ފޮލޯކޮށްގެން މައްސަލަ ނިންމާނެކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެއީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ.

އެ ވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ބިލެއްވެސް ފާސްކުރިއެވެ. އެހެންނަމަވެސް އެ ބިލް ރައީސް ތަސްދީގު ނުކުރައްވައި ފޮނުވާލެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަސްޕެންޑު ކުރެވިފައިވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސޫދު އާއި މަހާޒް އަލީ ޒާހިރެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެންދަނީ މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ބެންޗުގެ އަދަދު މަދުކޮށް، ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ، މާގަރެޓް ސެޓާތުވައިޓް ވަނީ މިފަހުން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.