އެންމެ މަދުން ރިސޯޓު ހުރި ފަސް އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް، އެ ސަރަހައްދުތަކުގެ ބިމުގެ ކުލި ކުޑަކޮށް އިންވެސްޓަރުންނަށް އިތުރު އިނާޔަތްތައް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅާއި، ދެކުނުން ތ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ހާއްސަ ސިޔާސަތުތަކެއް ގެންގުޅުއްވާކަމަށެވެ.
އިންވެސްޓަރުން އެ ސަރަހައްދުތަކަށް އިންވެސްޓްކުރުމަށް ޝައުގުވެރިކުރުވުމަށް ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓް ކްލޯސްއެއް ލާފައި، އަޅުގަނޑުމެން މި އުޅެނީ ލުއިކޮށްލަން. މައިގަނޑު ގޮތެއްގައި ލޭންޑް އެކުއިޒިޝަން ކޮސްޓުގެ ވަރަށް ބޮޑު ލުއިތަކެއް ދޭނަން. އަދި އެ ގެންނަ ތަކެއްޗަށް ނަގާ ޑިއުޓީއަށް ވެސް ލުއިތަކެއް ދޭނަން،" ރައީސް ވިދާޅުވިއެވެ.
މި ލުއިތަކާއެކު އެ ފަސް އަތޮޅުގައި ޓޫރިޒަމަށް އިންވެސްޓްކުރާނެ ވިޔަފާރިތައް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރުން އަޅުގަނޑުމެންނަށް އެންމެ މަދުން ފަތުރުވެރިކަން ފެތުރިފައިވާ މި ފަސް އަތޮޅުގައި ފެނިގެންދާނެ [ފަތުރުވެރިކަން ތަރައްގީވާތަން]. އެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.
މި މަހުގެ ތެރޭގައި މި ލުއިތަކާއެކު މި ފަސް އަތޮޅުގައި އިންވެސްޓްކުރަން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ