މާލޭގައި ފުލުހުންގެ ހުއްދައަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ އިތުރު ސަރަހައްދުތަކެއް ކަނޑައަޅައި، މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން އާންމުކޮށްފިއެވެ.
މިނިސްޓްރީން ނެރުނު ގެޒެޓް ކުރެވިފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ، މީގެ ކުރިން މާލޭގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމަށާއި، ރައްޔިތުންނަށް އެއްވެ އުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން މިހާރު އިތުރު ސަރަހައްދުތަކެއް ހިމަނާފައިވާ ކަމަށެވެ.
2016 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުގެ އިސްލާހުގެ ދަށުން، މާލޭގައި ފުލުހުންގެ ހުއްދައަކާ ނުލައި އެއްވެވޭނެ ހަމައެކަނި ސަރަހައްދަކީ ކާނިވާ ސަރަހައްދުކަމަށް ކަނޑައެޅިފައިވާއިރު، މިހާރު އެ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދު) އަދި އުސްފަސްގަނޑު ސަރަހައްދު ވެސް ހިމަނާފައިވެއެވެ.
މި ސަރަހައްދުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދައަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ. މިއީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ހަނދާންކޮށްލަން ޖެހޭ ކަމަކީ 2016 ވަނަ އަހަރު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނެވުނު އިސްލާހަކާ ގުޅިގެން، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމަށް ހުއްދަ ލިބެނީ ސީދާ ފުލުހުންގެ ލިޔުމުން ދޭ ހުއްދައަކާއެކު ނުވަތަ ހޯމް މިނިސްޓްރީން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި އެކަންޏެވެ.
މި އާ އިޢުލާނާއެކު، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ ހިޔާލު ފާޅުކުރުމަށް މާޒީއަށް ވުރެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ރައްޔިތުން އުންމީދުކުރެއެވެ.
ކޮމެންޓު ފޮނުވާ