އޮކްސްފޯޑުގެ ކޯވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި

އޮކްސްފޯޑުގެ ކޯވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި

Author
ހުސެއިން
03 ޖެނުއަރީ 2021 06:25
0

ދުނިޔޭގެ 2 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ، އިންޑިއާގެ ސިއްޙީ އިދާރާއިން، އިގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި އަދި އެގައުމުގެ އެސްޓްރާޒެނިކާ ކުންފުނިން ގުޅިގެން އުފެއްދި ކޯވިޑް19 ވެކްސިން އެގައުމުގައި ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދަ ދޫކޮށްފިއެވެ.

އިންޑިއާގެ ކަމާގުޅޭ މުވައްސަސާތަކުން މިވެކްސިން ބޭނުން ކުރުމުގެ އެމަންޖެންސީ ހުއްދަ ދޫކުރުމާއެކު، އިންޑިއާގައި ވެކްސިން ޖެހުމުގެ ބިޔަ ޕްރޮގްރާމް ފެށުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު މިވަނީ ފުރިހަމަ ވެގެން ގޮސްފައެވެ.

އިންޑިއާގެ އިންފޮމޭޝަން އަދި ބްރޯޑްކާސްޓިން މިނިސްޓަރ ޕްރަކާޝް ޖަވަދިކަރު ވިދާޅުވި ގޮތުގައި، މިވެކްސިން ބޭނުން ކުރުމުގެ ފެހި ސިގްނަލް މިހާރު ލިބިފައިވާ ކަމަށެވެ.

މިއީ، އެމެރިކާ ފިޔަވައި، ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި، އިންޑިއާގައި ކޯވިޑް19އާއި ދެކޮޅަށް ބޭނުންކުރާނެ ވެކްސިނަކަށް ހުއްދަ ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިއާ ސަރުކާރުގެ މިނިންމުން މިއައީ، ވެކްސިން ޖެހުމަށް ތައްޔާރުވުމުގެ ގޮތުން، މުޅި އިންޑިއާގައި ޚާއްސަ ޑްރިލްއެއް ބޭއްވުނުތާ އެއް ދުވަސް ފަހުންނެވެ. މި ޑްރިލްގައި، ވެކްސިން ޖެހުމަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާ ސެންޓަރުތަކަށް، އަސްލު ނޫން ވެކްސިންތަކެއް ވަނީ ފޯރުކޮށްދެވިފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރު ހާޝް ވަރުދަން ވިދާޅުވެފައި ވަނީ، މި ޙާއްސަ ހަރަކާތުގެ ސަބަބުން، ކަމާގުޅުން ހުރި ގިނަ ތަޖުރިބާތަކެއް ލިބިގެން ދިއުމުގެ އިތުރުން، "ކުރިޔަށް އޮތް ވެކްސިން ދިނުމުގެ ޕްރޮގްރާމް މާބޮޑު އޮޅުންތަކެއް ނާރާ ކުރިޔަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ،" ކަމަށެވެ. އަދި، ވެކްސިނާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު މައުލޫމާތު ތަކުގެ ސަބަބުން މީހުން ވެކްސިން ޖަހަން ބޭނުން ނުވެދާނެތީ، ނުރަގަޅު މައުލޫމާތު ފެތުރުން ހުއްޓުވުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އިންފޮމޭޝަން މިނިސްޓަރު ޖަވަދިކަރު ވިދާޅުވިގޮތުގައި، މިހާރުވެސް ހުއްދަ ލިބުމުގެ މަގުމަތީގައި އިތުރު 3 ވެކްސިނެއް އެބައުޅެއެވެ. އެއީ، އިންޑިއާގެ ލޯކަލް ކުންފުނިތައް ކަމުގައިވާ ބަރާތު ބައޯޓެކްގެ ކޯވެކްސިންއާއި، ޒައިޑަސް ކެޑިލާގެ ޒައިކޮވް-ޑީ ވެކްސިންގެ އިތުރުން ރަޝިއާއިން އީޖާދު ކޮށްފައިވާ ސްޕުޓްނިކް-ވީ ވެކްސިންއެވެ.

"ފަހަރެއްގައި އިންޑިއާވެދާނެ، 4 ވެކްސިނެއް އާންމު ރައްޔިތުންނަށް ދިނުމަށް ތައްޔާރު ވަމުންދާ ހަމައެކަނި ގައުމު ކަމުގައި،" އޭނާ ވިދާޅުވިއެވެ. "އެއް ވެކްސިން، ސީރަމްގެ ކޯވިޝީލްޑްއަށް މިއަދު ހުއްދަ ލިބިގެން މިދިޔައީ،" އޭނާ ވިދާޅުވިއެވެ. އޮކްސްފޯޑް/އެސްޓްރާޒެނިކާގެ ވެކްސިން އިންޑިއާގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ، އެގައުމުގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (SII)އިންނެވެ.

ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ޕީކަށް އެރުމަށްފަހު، އިންޔާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައި ކަމުގައިވި ނަމަވެސް، އެގައުމުގައި މިހާތަނަށް ވަނީ 10 މިލިއަން މީހުންނަށް މިބަލި ޖެހިފައެވެ.

އިންޑިއާ ސަރުކާރުން އުއްމީދު ކުރަނީ، މިއަހަރުފެ ފުރަތަމަ 6 މަސްދުވަހާއި 8 މަސްދުވަހާ ދެމެދުން، އެގައުމުގެ 1.35 ބިލިއަންގެ ބޮޑު އާބާދީގެ ތެރެއިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު، ވެކްސިން އުފައްދާ ކުންފުނި ކަމުގައިވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (SII)އިން މިހާރުވަނީ އޮކްސްފޯޑް/އެސްޓްރާޒެނިކާ ވެކްސިންގެ 50 މިލިއަން ޑޯޒް ތައްޔާރުކޮށް ސްޓޮކް ކޮށްފައެވެ. މި އަދި މިކުންފުނިން އިންޑިއާ ސަރުކާރަށް ވެކްސިންގެ ޑޯޒެއް ވިއްކުމަށް ހަމަޖައްސާފައިވަނީ، ކޮންމެ ޑޯޒެއް 250 ރުޕީސް (2.5 ޕައުންޑް) އަށެވެ. އަމިއްލަ ފަރާތްތަަށް ވިއްކުމަށް ހަމަޖައްސާފައިވާ އަގަކީ ކޮންމެ ޑޯޒެއް 1000 ރުޕީސްއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.