ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވައިދިނުމަށް ޤާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގައި އެދިފައިނުވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މިއީ މިފަދަ ކަމަކަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވުމާ ގުޅިގެން ދެއްވި ޖަވާބެކެވެ.
ހައުސިންގ މިނިސްޓަރު އެކްސްގައި ފާހަގަކުރެއްވި ގޮތުގައި ބަންޑާރަ ގޯތި ދިނުމަކީ ރާއްޖެއަށް ޚާއްޞަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ބަންޑާރަ ގޯތި ދޫކުރުން ގެންދިއުމަށް ދަތިވެދާނެ ކަމުގެ ވާހަކަ އެމަނިކުފާނު މަޖިލީހުގައި ދެންނެވި ކަމަށެވެ. އަދި މި ކަމަކީ މަޖިލީހުގެ ތެރެއިން ހައްލެއް ހޯދަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިނގިރޭސި ބަހުން ދަންނަވާކަމަށްވާނަމަ ފްރީ ހޯލްޑުގެ ގޮތުގައި މި ބިން ދިނުމަކީ މި ރާއްޖެއަށް ދިރިއުޅުމަށްޓަކައި ދިނުމަކީ ވަރަށް ރާއްޖެއަށް ޚާއްސަ ކަމެއް. އެހެންވިމާ މިފަދަ ކަލްޗަރަލީ ވެސް އަދި ހިސްޓޮރިކަލީ ވެސް ރާއްޖެ އަށް މުހިއްމު ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލުކުރުމަކީ އެ ސިޔާސަތު ބަދަލުކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން،" މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ކުރިން ބަންޑާރަ ގޯތި ދިން ނަމަވެސް، އާބާދީ އިތުރުވުމާއެކު ރާއްޖޭގެ ގިނަ ރަށްރަށަށް ބިމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން ކުރީގެ ސަރުކާރުގެ ވަޒީރުން ވެސް ވަނީ ބަންޑާރަ ގޯތި ދޫކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. މީގެތެރޭގައި މިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓަރު އަސްލަމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ