މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވި އަލީ ޝުޖާއު މިއަދު އިސްތިއުފާ ދެއްވުމާއެކު، ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފިއެވެ. ޝުޖާއުގެ އިސްތިއުފާ ރައީސް މުޙައްމަދު މުއިއްޒު ވަނީ ޤަބޫލުކުރައްވާފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވި ޚަބަރު ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އޭނާ ޚިދުމަތުން ރިޓަޔަރ ކުރެއްވިކަން ފުލުހުންގެ އިދާރާއިން ހުރިހާ ފުލުހުންނަށް އަންގާފައިވެއެވެ.
ޝުޖާއުގެ އިސްތިއުފާއަށް މަގުފަހިވީ ކަމަށް ބެލެވެނީ މިދާކަށް ދުވަސްތަކުގައި ޔުމްނާގެ މަރު މައްސަލައާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާތަކުންނެވެ. ޔުމްނު، 21، ވެއްޓިފައިވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނުގެ ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ. ނަމަވެސް، އޭނާއާ އެކު އެ އިމާރާތުގައި އުޅުނު ރައުދު އަޙްމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ރައުދު ހައްޔަރުކުރެވުނީ މައްސަލައިގެ ތަޙުޤީޤަށް އެއްބާރުލުން ނުދިނުމުންނެވެ.
ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި، ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި "ހަމަނުޖެހުމެއް" ހިނގާފައިވެއެވެ. އަދި އެ ރޭ ޔުމްނު ވީތަނެއް ނޭނގޭ ކަމަށާއި، ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގެއެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކޭއިރު، މައްސަލަ ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ ޝުޖާއުގެ ތަޢުލީމީ އަދި ވަޒީފާގެ މަސީރާ
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެ ކުރިން، ދިވެހި ސަރުކާރަށް 8 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވެއެވެ. ޝުޖާއު ކޮމިޝަންޑް ރޭންކަށް އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ.
ކޮމިޝަނަރ ޝުޖާއު ވަނީ ފުލުހުންގެ ތަމްރީނު، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތްކުރައްވާފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެއިތުރުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ ޕްރޮފެޝަނަލް ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރައްވާފައިވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާއު އައްޔަންކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ކޮމިޝަނަރ ޝުޖާއު ވަނީ މެލޭޝިޔާއިން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އިންޑިޔާއިން ޙިސާބު، ފިޒިކްސް އަދި ކެމިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ ޙާސިލުކުރައްވާފައިވެއެވެ.
މީގެއިތުރުން، ޝުޖާއު ވަނީ އިންޑިޔާ، އޮސްޓްރޭލިޔާ، އެމެރިކާ އަދި މެލޭޝިޔާ ފަދަ ޤައުމުތަކުން ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރައްވައި، ޕްރޮފެޝަނަލް ސެޓުފިކެޓުތައް ޙާސިލުކުރައްވާފައެވެ. މީގެ ތެރޭގައި، 2019 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްގެ ނޭޝަނަލް އެކަޑަމީގެ 277 ވަނަ ސެޝަން ފުރިހަމަކުރެއްވުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ