ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ނަޒާހާ ނަޒީމް، އޭނާގެ މަޤާމުން އިސްތިއުފާ ދިނުމަށް ޒުވާނުން ޑިމާންޑު ކުރަމުން ދިޔަ ނަމަވެސް، ސިސްޓަމް ރަނގަޅު ކުރެވޭނީ އެތެރެއިން ކަމަށް ބުނެ އިސްތިއުފާ ނުދޭން ނިންމައިފިއެވެ.
"އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމް ތެރެއިން،" ކަމަށް ނަޒާހާ ބުނެފައިވެއެވެ.
މި ބޯޑުގެ މެންބަރުންގެ ތެރެއިން އިތުރު ތިން މެންބަރުން މިހާރު ވަނީ އިސްތިއުފާ ދީފައެވެ. އެމީހުން އިސްތިއުފާ ދިނީ މިމަހުގެ 18 ވަނަ ދުވަހު މާލޭ ގުދަނެއްގެ ފުރާޅު މަތީގައި ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ދައުލަތުން ނުކުރާކަމަށް ބުނަމުންނެވެ.
ކުރިން ނަޒާހާ ބުނެފައިވަނީ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށެވެ. އޭނާ މި ބުނެފައި ވަނިކޮށް، ދާއޫދުގެ އިސްތިއުފާ ރައީސް އޮފީހަށް ފޮނުވުމުން އޭނާ ވަނީ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފައެވެ.
ބައެއް މުޒާހަރާކުރާ ފަރާތްތަކުން ނަޒާހާގެ ވާހަކަތަކާ ދެކޮޅުހަދައި އަޑުގަދަކޮށް ހެދި ނަމަވެސް، އޭނާ ބުނީ "މިއަދު ނަޒާ އިސްތިއުފާ ދީފިއްޔާ ނަޒާގެ ބަދަލުގަ އެހެން މީހަކު ލާނެ. އެވްރިވަން އިސް ރިޕްލޭސަބަލް. ވީކާންޓް ޗޭންޖް އެނީތިން އިސްތިއުފާ ދީގެން،" ކަމަށެވެ.
ހައްވާ ޔުމްނު ރަޝީދު ފެނުނު މައްސަލައިގައި، ފުލުހުން ވަނީ ޔުމްނު ހިމެނޭގޮތަށް 9 މީހެއްގެ ފޯނު ހިފަހައްޓައި، މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ބަލައިފާސްކޮށްފައެވެ. އަދި މިކަމާ ގުޅިގެން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފަސް ދުވަހަށް ބަންދުކޮށްފައިވެއެވެ.
ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައެވެ. ޔުމްނުގެ ބޭސްފަރުވާއަށް ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 735,367.16 ރުފިޔާ ހޯދިފައިވާއިރު، އެންސްޕާއިން ވެސް ވަނީ 25,000 ޑޮލަރު ޔުމްނުއަށް ދީފައެވެ.
ފުލުހުންގެ ތަހުޤީޤަށް ހާމަވެފައިވަނީ ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުން ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ