ސޮނެވާ ފުށި ރިސޯޓް 448،375 ރުފިޔާއިން ޖޫރިމަނާކޮށްފި

ސޮނެވާ ފުށި ރިސޯޓް 448،375 ރުފިޔާއިން ޖޫރިމަނާކޮށްފި

Author
ހުސައިން
27 އޭޕްރިލް 2025 02:35
0

މިދިޔަ ޑިސެމްބަރުގައި ސޮނެވާ ފުށި ރިސޯޓުގެ މުވައްޒަފުންނާއި ފަތުރުވެރިން ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، އެތަނުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގުމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓް 448،375 ރުފިޔާއިން ޖޫރިމަނާކުރިއެވެ.

މިއަދު އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 18 ޑިސެމްބަރުގައި ސޮނެވާ ފުށީގެ މުވައްޒަފުންނާއި ފަތުރުވެރިންނާއެކު ޖުމްލަ 10 މީހުން ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6ގެ ފަހުން ވަނީ ވަދެފައެވެ. މިކަން ކުރީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ހުއްދަ ހޯދުމަކާ ނުލައެވެ.

ބ. ނެލިވަރަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމާއި، އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކުރިއަށް ގެންގޮސްފިނަމަ، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެކަން ބަޔާންކޮށް ސޮނެވާ ފުށްޓަށް 11 ޖޫން 2024ގައި ސިޓީއެއް ފޮނުވާފައިވާކަމަށް އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އީޕީއޭއިން ފާހަގަކޮށްފައިވާ ގަވާއިދާ ޚިލާފު ޢަމަލުތަކުގެ ތެރޭގައި ހުއްދަނެތި ސަރަހައްދަށް ވަނުން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާ ފަދައިން ޢަމަލުކުރުން އަދި އަލިފާން ރޯކުރުމާއި ގެންގުޅުން ހިމެނެއެވެ. މި ޢަމަލުތަކުގެ ބައެއް ކަންކަމަށް އެ ފަރާތްތަކުން އިޢުތިރާފްވެފައިވާކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ބަޔޯސްފިއަ ރިޒާވް އޮފީސްގެ މަންދޫބުންނާއި ފުލުހުން އެ ދުވަހު ބ. ނެލިވަރަށް ގޮސް، ސޮނެވާ ފުށީގެ މުވައްޒަފުން ފަތުރުވެރިންނާ އެކު އެ ސަރަހައްދު ދޫކޮށްދިއުމަށް އެންގި އެންގުމާ ޚިލާފުވެ، އެ ފަރާތްތަކަށް އެއްބާރުލުން ދީފައިނުވާކަންވެސް އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

"23 އޭޕްރީލް 2025 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެންނެވުނު ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އެޖެންސީއަށް ދައްކައި ހަލާސްކޮށްދެއްވުމަށް އެ ފަރާތަށް ވާނީ ދަންނަވާފައެވެ" ކަމަށް އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.