ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން އިސްމާޢީލް ނަވީނާއި ޙަވާލުކޮށްފި

ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން އިސްމާޢީލް ނަވީނާއި ޙަވާލުކޮށްފި

Author
ހުސައިން
27 އޭޕްރިލް 2025 07:52
0

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުމުގެ ޒިންމާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާ ޙަވާލުކޮށްފިއެވެ.

މިކަން މިގޮތަށް ނިންމެވުމުގެ ކުރިން، ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުމުގެ ޒިންމާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރެވުނެވެ. ނަމަވެސް މި ނިންމުން ނިންމިތާ ގާތްގަނޑަކަށް ގަޑިއިރެއްހާއިރުގެ ތެރޭގައި އެ ނިންމުން ބަދަލުކޮށް، އެ މަސްއޫލިއްޔަތު ޑީސީޕީ ނަވީނާ ވަނީ ޙަވާލުކޮށްފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ފުރަތަމަ ފަރުހާދު ފިކުރީ އެކްޓިން ސީޕީގެ މަޤާމަށް އައްޔަންކުރެއްވިކަން ހާމަކުރެއްވީ މިއަދު ރޭ 19:46 ގައެވެ. އަދި ގަޑިއިރެއްގެ ފަހުން، 20:46 ގައި އެ މަސްއޫލިއްޔަތު ޑީސީޕީ ނަވީނާ ޙަވާލުކުރެއްވިކަން އަންގައިދޭ އިތުރު ޕޯސްޓެއް ވަނީ ކުރައްވާފައެވެ.

މިހާރު ވަގުތީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 7 ޖުލައި 1994 ގައެވެ. މިހާތަނަށް އެމަނިކުފާނު ވަނީ ފުލުހުންގެ މުއައްސަސާގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.