އިދިކޮޅު މައި ޕާޓީ އެމްޑީޕީން މަސައްކަތްތެރިންގެ ދުވަސް ކަމުގައިވާ މެއި 1 ގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި އެއްވުމަކީ މަސައްކަތްތެރިންގެ އިތުރުން ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ބާއްވާ އެއްވުމެކެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އަލިފުށި ދާއިރާގެ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެފައިވަނީ، މި އެއްވުން ފަށާނީ މަސައްކަތްތެރިންގެ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުން ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ކޮންމެ ފަހަރަކުވެސް މަސައްކަތް ކުރަން މަސައްކަތްތެރިންގެ ހައްގުގައި ހައްގުތައް ކަށަވަރު ކުރުމަށް އެ އިރެއްގައި އުނިވެފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިހުތިޖާޖުކޮށް އެ އަޑު އުފުލުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދަން،" ބިގޭ ވިދާޅުވިއެވެ.
ބިގޭ ވިދާޅުވިގޮތުގައި، މިހާރު ރާއްޖޭގައި ވަޒީފާގެ މިނިވަންކަމާއެކު ވަޒީފާގައި ހުރުމުގެ މިނިވަންކަމެއް ނެތެވެ. ކިރިޔާވެސް ހިޔާލުތަފާތުވާ ބޭފުޅެއްނަމަ ވަޒީފާގެ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އަދި ހަމައެހެންމެ، ސިޔާސީ ބޭނުމަށްޓަކައި ތަންނެތް މިންވަރަށް އާމްދަނީއާ ނުކަތާ ވަރަށް، އިގުތިސާދު ފުނޑިގެންދާ ވަރަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާ ދެމުން ގެންދާކަމަށް ބިގޭ ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ގެއްލުމުގެ އިތުރުން ރައްޔިތުން މިހާރުވަނީ ފަރުދީ ގޮތުން ނިކަމެތިވެފައިކަމަށް ބިގޭ ވިދާޅުވިއެވެ. އެގޮތުން ކަރަންޓާއި ފެން، ބޭސް ފަރުވާގެ ކަންކަމުގައި ރައްޔިތުންނަށް މީގެކުރިން ދަތިނުވާ ވަރަށް މިހާރު ދަތިވެފައިވާކަމަށްވެސް ބިގޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ބުނުއްސުރެ، މި އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ބައިވެރިވާނެކަމަށާއި އަދި ހުރިހާ ދިވެހިންގެ ހައްގުގައި އެއްވުމުގައި އަޑުއުފުލާނެ ކަމަށްވެސް ބިގޭ ވިދާޅުވެފައިވެއެވެ.