އިދާރާގެ މަސައްކަތްތައް އިތުރުވަމުން އަންނައިރު، އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ ހުށަހެޅިފައިވާ ޕެޓިޝަނަކާ ގުޅިގެން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި އެންސްޕާގެ އިސްވެރިން ވަނީ މިކަން ހާމަކޮށްފައެވެ.
އެންސްޕާއިން ދެއްކި ވާހަކަތަކުގައި، 2019 ވަނަ އަހަރު ފެށުނު ތެރަޕޯޓިކް ފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމަކީ ގިނަ ފަރާތްތަކަކުން އެދޭ ޚިދުމަތެއްކަމަށާއި، މަހެއްގެ މައްޗަށް 700 އިން 800 ދެމެދުގެ އަދަދަކަށް އެޕްލިކޭޝަންތައް ލިބޭކަމަށް ބުނެފައިވެއެވެ.
"ކޮންމެ ފޯމަކީވެސް ލިބިފައިވާ ޑޮކިއުމަންޓުތަކާއި ފައިސާގެ ރަސީދުތަކާއި ޚަރަދުގެ ސަބަބުތައް އަޅާކިޔައި، ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން އެޕްރޫވްކުރަންޖެހޭ ކަންކަން ހުންނަ އެއްޗެއް،" އެންސްޕާގެ ފަރާތުން މަޖިލީހުގެ ކޮމެޓީގައި ފާހަގަކުރިއެވެ.
މި މަސައްކަތްތައް ލުއިފަސޭހަކުރުމަށްޓަކައި، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޓްރޭޑް ނެޓާއެކު ސިސްޓަމް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާއިން ބުނެފައި ވެއެވެ. އަދި މި އަހަރުގެ ތެރޭގައި އޮންލައިން ޕްލެޓްފޯމެއްގެ ޒަރީއާއިން މި މަސައްކަތްތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދާކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ